ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ ޑިސެމްބަރު މަހު އަތުލައިގެން 119 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދައުވާކޮށްފައިވާ އެކަކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.
އެ މައްސަލާގައި ޝަރީއަތް ނިމެންދެން 3 މީހަކު ބަންދުކޮށްފައިވާއިރު ގދ. ހޯޑެއްދޫ، އަލޯރާ، އުމުރުން 29 އަހަރުގެ އަހްމަދު މުޖާހިދުގެ އިތުރުން ދެން ހިމެނެނީ ހަމަ އެ ރަށު ގުލޭނޫރަންމާގެ އުމުރުން 52 އަހަރުގެ އަލީ ޒުބައިރު އާއި އިރުމަތީގެ، އުމރުން 25 އަހަރުގެ އަހްމަދު ސުނައިނެވެ.
މުޖާހިދު ދޫކޮށްލާފައި ވަނީ މައްސަލަ ބަލާ ސެކްޝަނުގައި ދާއިމީ ފަނޑިޔާރެއް ނެތުމުން މައްސަލައިގެ އަޑުއެހުންތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންދެވިދާނެ ކަމަަށް ނުފެންނާތީ ޝަރުތުތަކާއެކު ކަމަށް ކްރިމިނަލް ކޯޓުން ބުނެފައި ވެއެވެ. އެގޮތުން ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވުމާއި ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދުމަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުދިއުމާއި ދައުލަތުގެ ހެކިންނާ މުއާސަލާތު އަދި މުއާމަލާތް ނުކުރުމުގެ އިތުރުން ހެއްކަށް ނުފޫޒު ނުފޯރުވަށް އަންގާފައި ވެއެވެ.
އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން އެ ނިންމުން ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ބެއްލެވި އެ މައްސަލައިގައި ހުކުމްކޮށްފައި ވަނީ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކުރަން ކުރި އަމުރު ބާތިލު ކުރާށެވެ.
އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބުތަކަށް ބަދަލެއް ނާންނަނީސް ކަމަށް ހައިކޯޓުން ބުނެފައެވެ.
ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ކުރެއްވި ހުކުމުގައި ބުނީ، މުޖާހިދު ބަންދުގައި ބަހައްޓަންޖެހޭ ޒަރޫރަތެއް ނެތް ކަމަށް ބުނެފައިވަނީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ މިންވަރަށް ހެކި ލިބިފައި އޮތްކަމަށް ކުރިން ނިންމި ނިންމުންތަކުގެ ހާލަތު ބަދަލުވީ ގޮތް ބަޔާން ކޮށްދެވޭނެ ހާލަތެއް ނެތް އިރެއްގައިކަން އެނގޭ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަސް މީހަކު ތިބި ނަމަވެސް، ފުލުހުން ހައްޔަރު ކުރީ ތިން މީހުންނެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެ އިސްކޮށް ހަރަކާތްތެރިވި، ގދ. ހޯނޑެއްދޫ، އަލޯރާ، އުމުރުން 26 އަހަރުގެ އަރުޝަދު ހާލިދާއި، ގދ. ހޯޑެއްދޫ، ދޯދި، އުމުރުން 31 އަހަރުގެ މުހައްމަދު އަކްރަމް އަބްދުލްހަންނާން ފުލުހުން ހައްޔަރެއް ނުކުރެއެވެ. އެއަށްފަހު ދެ ފަހަރެއްގެ މަތިން އަރުޝަދު ހައްޔަރުކުރި ނަމަވެސް ވަނީ ދޫކޮށްލާފައެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މުޖާހިދަކީ އަރުޝަދުގެ ބޭބެއެވެ. ފުލުހުން ބުނާ ގޮތުގައި މި ޑްރަގަކީ އަރުޝަދު އިސްވެ ހުރެ އޭނާގެ އިރުޝާދުގެ ދަށުން އެތެރެ ކުރި ތަކެއްޗެވެ. އަދި ހައްޔަރު ކުރި ތިން މީހުން ވެސް އަމަލީ ގޮތުން އެކަމުގައި ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.