ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކެއް ފޮނުވާ، ބޭރު ކުންފުނިތަކަކުން ވިޔަފާރިކުރި މައްސަލައެއްގައި މއ. ހަނީސަކްލް-1، ހުސައިން ޝިފާއު، 109 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ޝިފާއު އިސްތިއުނާފުން ގޮތެއް ކަނޑައެޅެންދެން އޭނާ ގޭ ބަންދަށް ބަދަލު ކުރެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގައި ޝިފާއު ފުރަތަމަ ހައްޔަރުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. އޭނާގެ މައްޗަށް 23 ދައުވާއެއް އުފުލާފައިވާއިރު އެ ހުރިހާ ދައުވާއެއްވެސް ވަނީ ސާބިތުވެފައެވެ. އެއާއެކު އޭނާ 109 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާއިރު، 7 މިލިއަން ރުފިޔާއިން އޭނާ ޖޫރިމަނާ ވެސް ކޮށްފައިވެއެވެ.

އޭނާގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާ، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާ އަދި މަނީ ލޯންޑްރިންގެ އިތުރުން ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގެ ކުށުގެ 7 ދައުވާ ހިމެނެއެވެ

މި ހުކުމްތައް ޝިފާއުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްފަހު، އިސްތިއުނާފް ނިމެންދެން އޭނާގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ނުވަތަ ކަފާލާތުގެ ދަށުން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްދޭން އެދުނެވެ. އެގޮތުން ޝިފާއު ޖަލުގައި ބަންދުކޮށްފައި ހުރުމުގެ ސަބަބުން އިސްތިއުނާފުކުރުމުގެ ހައްގަށް ހުރަސްއެޅޭ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

އަދި ހަމަ އެހެންމެ އިސްތިއުނާފު ކުރުމުގެ ފުރުސަތު ފުރިހަމައަށް ލިބޭނީ އޭނާގެ އަތުގައި ހުރި ލިޔެކިޔުންތައް ހޯދައި ގާނޫނީ ވަކީލާ މަޝްވަރާކުރެވުމުން ކަމަށާއި އެހެންކަމުން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނުވަތަ ކަފާލާތުގެ އުސޫލުގެ ދަށުން ވަގުތީ ގޮތުން އޭނާ ގޭ ބަންދަށް ދޫކޮށްދިނުމަށް އިސްތިއުނާފު މައްސަލައިގެ ތެރެއިން ހައިކޯޓުގައި އެދިފައެވެ.

ނަމަވެސް ހައި ކޯޓުން މިއަދު ނިންމާފައިވަނީ ޝިފާއުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އަދި ކަފާލާތުގެ ދަށުން ގޭ ބަންދަށް ބަދަލުކުރަން އެދުނަސް، އެކަމާ ބެހޭގޮތުން ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބަޔާންކުރާ ކަންކަން އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދީފައި ނުވާތީ އޭނާ ގޭ ބަންދަށް ވެސް ބަދަލު ކުރެވެން ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.