ތިލަފުށީގެ ފަޅުގައި އަޅާފައިވާ އުޅަނދުފަހަރު ނެގުމަށް ކުރި އިއުލާނާ ގުޅިގެން ނުނަގާ ހުރި އުޅަނދުފަހަރު ނައްތާލުމަށް އެޗްޑީސީން ކޯޓުގެ ހުއްދަ އެއް ނަގަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
ތިލަފުށި ފަޅު ހުސްކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި ވަނީ އެ ތަނާ ކުރިން ހަވާލުވެގެން ތިބި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން، 2019 ޖޫންގައެވެ. ނަމަވެސް އެ ކުންފުންޏާއި އެޗްޑީސީ ޖެހިގެން އައި އަހަރު އެއްކޮށްލުމުން އެ މަސައްކަތް ވަނީ އެޗްޑީސީ އާ ހަވާލުވެފައެވެ.
އެއާއެކު، ތިލަފުށި ފަޅުގައި އަޅާފައި ހުރި އުޅަނދުފަހަރު ނެގުމަށް އެޗްޑީސީން ފަސް ފަހަރު މަތިން އިއުލާނުކުރި ނަމަވެސް ބައެއް އުޅަނދުފަހަރު އެ ތަނުން ނަގާފައި ނުވެއެވެ. އެހެންކަމުން އެޗްޑީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެ ކޯޕަރޭޝަނުން ކުރި އިއުލާނުތަކާ އެއްގޮތަށް ނަގާފައި ނުވާ އުޅަނދުފަހަރު ނައްތާލުމުގެ ހައްގު ލިބިގެންވާ ކަމަށް އެދިއެވެ.
އެ މައްސަލަ ކޯޓަށް ހުށަހަޅަމުން އެޗްޑީސީން ފާހަގަކުރި ގޮތުގައި އެ އުޅަނދުފަހަރު އެގޮތަށް ދޫކޮށްލާފައި އޮތުމުން ތިލަފުށި ފަޅުން މަންފާ ހޯދުމަށް ހުރަސް އެޅެއެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، އުޅަނދުފަހަރުގެ ވެރިފަރާތްތަކުން އެ އެއްޗެހި ބަހައްޓާފައި ވަނީ އެ ކޯޕަރޭޝަންގެ އެންގުމާ ހިލާފަށެވެ. އަދި އެ އުޅަނދުފަހަރުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށާއި މީހުންނަށް އަދި މުދަލަށް އަސަރު ކުރާނެ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ސިވިލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދު ކުރެއްވި ހުކުމުގައި ވިދާޅުވީ، އެޗްޑީސީން ގަވާއިދުތައް ހަދައި އުޅަނދުފަހަރު ނައްތާލުމުގެ މަސައްކަތް ކުރަން އެއްވެސް ގާނޫނީ ހުރަހެއް އެ ކޯޕަރޭޝަނަށް ނެތް ކަމަށާއި، އެ މައްސަލައިގައި ކޯޓުގެ ނިންމުމެއް ބޭނުންވާ ސަބަބެއް އެޗްޑީސީ އަށް ކިޔައި ނުދެވޭ ކަމަށެވެ.
އެހެންކަމުން، އުޅަނދުފަހަރު ނައްތާލުމުގެ ހައްގު އެޗްޑީސީ އަށް އޮތުމާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް، އެ ހުކުމުގައިވެއެވެ.
ތިލަފުށި ފަޅުގައި ހުރި އުޅަނދުފަހަރު ނައްތާލުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން ދަނީ، ވިޔަފާރި އާއި ސިނާއީ ބޭނުންތަކަށް 127 ހެކްޓަރުގެ ބިން ހިއްކުމާއި، ކުނިން ހަކަތަ އުފައްދަން ހިންގާ މަޝްރޫއުތަކުގެ މަސައްކަތްތަކާ ގުޅިގެންނެވެ.