އިންޑޯ ޕެސިފިކާއި، ޓައިވާނުގެ ވަށައިގެންނާއި ފެސިފިކް ކަންޑުގެ ޖަޒީރާތަކާއި އިރުދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ބާރުގަދަ ވުމަކީ ސަލާމަތަށް އޮތް ބިރެއް ކަމަށް ބުނާ ވާހަކަ ތަކުރާރު ކުރަމުން، އޮސްޓްރޭލިއާގައި ހިންގާ އަސްކަރީ ހަރަކާތްތައް ފުޅާ ކުރަން އެމެރިކާއިން ނިންމައިފިއެވެ.

އޮސްޓްރޭލިއާ އަކީ، އެމެެރިކާ އާއި އިނގިރޭސިވިލަތާއި އޮސްޓްރޭލިއާ ގުޅިގެން އުފައްދާފައިވާ އޮސްމިންގެ ގުޅިފައިވާ ފައުޖުތަކުން އަސްކަރީ ހަރަކާތްތައް ދާއިމީ ގޮތެއްގައި ހިންގާ ގައުމެކެވެ. އެމެރިކާއާއި އެ ގައުމުތަކުން ގަބޫލު ކުރަ ގޮތުގައި ޗައިނާ އަށް ފާރަވެރިވި، އަސްކަރީ ހަރަކާތްތައް ހިންގަން އެންމެ މުނާސަބު ގައުމަކީވެސް އޮސްޓްރޭލިއާއެވެ. އެހެން ކަމުން މިހާރު އަސްކަރީ ހަރަކާތްތައް ހިންގާ މިންވަރު އިތުރު ކޮށް ފުޅާކުރަން އެމެރިކާއިން ނިންމާ، އެ ފައުޖުތަކާ ގުޅުމުގެ ދައުވަތު ޖަޕާނަށް ވެސް ދީފިއެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވީ، ޗައިނާގެ ހަރަކާތްތައް ފުޅާވަމުން ދާ ގޮތަށް ބަލާއި އެއީ އިންޑޯ ޕެސިފިކާއި، ޓައިވާނުގެ ވަށައިގެންނާއި ފެސިފިކް ކަންޑުގެ ޖަޒީރާތަކާއި އިރުދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ބާރުގަދަ ވުމަކީ ސަލާމަތަށް އޮތް ބިރެއް ކަމަށް ވާތީ، ގާތްގާތުގައި ތްމރީނުތަކާއި ހަރަކާތްތައް ބާންވަން ޖެހޭ ކަމަށެވެ. ނަމަވެސް އެއީ ކިހާ ގާތްގާތުގައި ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. އަދި އެމަގަށް އެކަން ކުރާ އިރު އަސްކަރީ ބޯޓުފަހަރާއި ބޭނުން ކުރާނެ ހަތިޔާރުގެ ތަފްސީލެއްވެސް ނުދެއްވައެވެ. ނަމަވެސް ނިއުކްލިއާ ބޮން އަޅާ ބީ-52 މަރުކާގެ 6 ބޯޓު އޮސްޓްރެލިއާ އަށް ފޮނުވަން އެމެރިކާއިން ނިންމާފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ. މީގެ އިތުރުން ނިއުކްލިއާ ގާބިލްކަން ހުރި ސަބްމެރިން އެއް ފައްކާ ކުރަން ބޭނުންވާ ޓެކްނޮލޮޖީވެސް ދޭން އެމެރިކާ އާއި އިނގިރޭސީން ވަނީ އެއްބަސްވެފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮމާބާގެ ވެރިކަމުން ފެށިގެން އޮސްޓްރޭލިއާގެ އުތުރު ބިތުގައި އެމެރިކާ އާއި ގުޅިފައި ފައުޖުތަކުން އަސްކަރީ ހަރަކާތްތައް އޮތީ އިތުރު ކޮށްފައެވެ. ނަމަވެސް އެއަށް ވުރެވެސް އިތުރު ކުރަން ލޮއިޑް ވާހަކަ ދެއްކެވި އިރު، އެމެރިކާއިން ގަބޫލު ކުރަނީ، އޮސްޓްރޭލިއާ އޮތް ސަރަހައްދުގެ ގޮތުން، އަސްކަރީ ހަރަކާތް ފުޅާ ކުރުމުން ޗައިނާއަށް ފާރަލުމުގައި އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

އޮސްތްރޭލިއާގެ އެންމެ ބޮޑު އެކްސްޕޯޓަރަކީ ޗައިނާއެވެ. އެގައުމުން ބޭރުކުރާ ދަގަނޑު ހިމެނޭ މައުދަނުގެ އެންމެ ބޮޑު މާކެޓަކީވެސް ޗައިނާއެވެ. ނަމަވެސް އޮސްޓްރޭލިއާ ކައިރީގައި އޮންނަ ސޮލޮމަންސް އައިލޭންޑްސް އާ އެކު ޗައިނާއިން އަސްކަރީ އެއްބަސްވުމެއް ހަދުމާއި އިންޑޯ ޕެސިފިކްގައި ޗައިނާގެ ދައުރު ނުވަތަ ބާރު އިތުރު ކުރާތީ އޮސްޓްރޭލިއާއިން ވެސް ކަންބޮޑުވެއެވެ.

ޗައިނާއާއި އޮސްޓްރޭލިއާ އާ ދެމެދުގައި އަރާރުމެއް ނެތް ނަމަވެސް ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން ދާދިފަހުން ނިމިދިޔަ ޖީ20 ގައުމުތަކުގެ ބައްދަލުވުމުގެ ހަވާސާގައި ދެގައުމުގެ ވެރިން ވަނީ މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް މިކަމުން، އޮސްޓްރޭލިއާއިން ގެންގުޅޭ ޑިފެންސް ޕޮލިސީއަށް ބަދަލު ނާންނާނެ ކަމަށް ބުނެފައި ވެއެވެ.