ޓްރާންސްޕޯޓް މިނިސްޓްރީގައި ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ކޮށްފައިވާ ކަންކަމުގައި މިނިސްޓަރު އައިޝަތު ނަހުލާ އަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަަލައެއް ބަލަން ފަށައިފިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓުގެ ކޯޑިނޭޓަރަކަށް މަސަކަތް ކުރި މަހުމޫދު ޝަފީގު ހުށަހަޅާފައިވާ މި މައްސަލާގައި ތުހުމަތު ކުރަނީ ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީ ކޮށްދީ އެކަމުން މާލީ ތަނަވަސްކަން ހޯދަމުން ދާ ކަމަށާއި ނަހުލާގެ އިތުރުން މިކަމުގައި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު ވެސް ޝާމިލުވާ ކަމަށެވެ.

އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ގަވާއިދާ ހިލާފުވެފައި އޮތް ގޮތް ތަފްސީލުކޮށްދޭ ރިޕޯޓެއް ވެސް ހިމަނާފައި އޭނާ ހުށަހެޅި މައްސަލައިގައި އުޅަނދުތައް ރަޖިސްޓްރީ ކޮށްފައި ވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ގަވާއިދު ނާޖާއިޒު ގޮތުގައި ބޭނުން ކޮށްގެން ކަމަށް ވަނީ ބުނެފައެވެ.

އެ އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ އިރު މިނިސްޓަރަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީ ޓްރާންސްޕޯޓް މިނިސްޓްރީގައި އެންޓްރީ ހެދުމަކާ ނުލައި އަދި ޖަވާބު ދިނުމާ ނުލައި އެ އުޅަނދުތައް ސިއްރިއްޔާތުގައި ރަޖިސްޓްރީ ކޮށްދިނުމުގެ ހިދުމަތް އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ފުރިހަމަ ކޮށްދޭ ކަމަށް ވެސް ބުނެފައި ވެއެވެ. އެ މައްސަލާގައި ބުނެފައިވަނީ މިނިސްޓަރު ނަހުލާ ހުއްދަ ދީގެންކަން އެންގުމުގެ ގޮތުން ކޮންމެ ހިދުމަތަކާއެކު ހުށަހަޅާ ފޯމުގެ އަރިމަތީގައި މިނިސްޓަރު އައިޝަތު ނަހުލާގެ ސޮއިކޮށް ހުއްދަ ދީފައިވާ ކަމަށެވެ.

އިތުރަށް އެ މައްސަލާގައި ބުނެފައި ވަނީ އެ އުޅަނދުތައް ރާއްޖެ އެތެރެކޮށްފައި ވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރަމުން ދާ ކުންފުންޏަކުން ދުރާލައި ރާވައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމުގެ ޔަގީންކަމާއެކު ކަމަށާއި މިނިސްޓަރަށް ހުށަހަޅާ ސިޓީތަކުގައި އެ ކުންފުނީގެ ތައްގަނޑު ވެސް ޖަހާފައި ވާކަމަށެވެ.

ނަހުލާގެ މައްސަލަ އޭސީސީން ބަލަން ފަށާފައިވާ އިރު، ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ ނަންބަރު ޕްލޭޓް، ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައެއްގައި ޓްރާންސްޕޯޓް މިނިިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ހިމެނޭހެން 6 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ފޮނުވާފައިވެއެވެ. މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ހަދަން ވަސާޖިއޯ އާ ހަވާލުކުރި އިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާގެ މަގާމު އަދާކުރެއްވީ ޝިމާޒެވެ. ބިޑުގެ މަރުހަލާ ކުރިއަށް ދިޔައިރު، ވަސާޖިއޯގެ އިސްބޭފުޅަކާ ޝިމާޒް ބައްދަލުކުރި ކަމުގެ ތުހުމަތުތައް މިނިސްޓްރީގެ ބައެއް އިސްބޭފުޅުން ކުރިއެވެ. ނަމަވެސް އޭނާ އެ ތުހުމަތުތައް އޭރު ދޮގު ކުރައްވާފައި ވެއެވެ.

ނަހުލާ ވަނީ ޝިމާޒްގެ މައްސަލަތައް ބަލައި ދިނުމަށް އެދި ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވާފައެވެ. އެ މައްސަލާގައި ނަހުލާ ވަނީ ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިނުން ފަދަ ކޮރަޕްޝަންގެ ބޮޑެތި ކުށްތަކާއި މިނިސްޓްރީގެ ސިޔާސީ މީހުންގެ އަބުރު ކަތިލުމުގެ ތުހުމަތުތަކެއް ޝިމާޒަށް ކުރައްވާފައެވެ.

ޝިމާޒް މަގާމުން ވަކިކޮށްދިނުމަށް އެދި ނަހުލާ ފޮނުއްވާފައިވާ ކަމަށް ބުނާ ސިޓީ ރައީސް އޮފީހަށް ލިބިފައިވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ. މިއުވާން ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ފިޔަވަޅު އަޅަން ޖެހޭ ނަމަ، އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެއެވެ.