ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންޑިއާ އިން އެންމެ ގިނަ މީހުން ބެލި ފިލްމަކަށް އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު އެކުގައި ފެނިގެންދިޔަ "ބުރައްމަސްތުރާ" ވެގެން ގޮސްފިއެވެ.
ސިނަމާތަކުގައި މިދިޔަ ސެޕްޓެމްބަރު މަހު މި ފިލްމު އެޅުވުމަށް ފަހު ހޮޓްސްޓާގައި މި ފިލްމު ސްޓްރީމް ކުރަން ފެށީ ދާދިފަހުންނެވެ. އެކްޝަން އެޑްވެންޗާ ފެންޓަސީ ޖޯންރާ އަށް ތައްޔާރު ކޮށްފައިވާ މި ފިލްމުގައި ހަރަކާތްތެރިވި އެކްޓަރު ރަންބީރު މި ފިލްމު ކުޅެދިނީ ހިލޭ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަޔާން މުކަރްޖީ މީގެ ކުރިން ވަނީ ބުނެފައެވެ. އަޔާން ބުނީ ފިލްމުގެ ބަތަލާ އާލިއާ ބަޓް އާންމުކޮށް ފިލްމު ކުޅޭ ވަރުގެ އަގަށް ވުރެ ހަގުނަ ކުޑަކޮށް ފިލްމު ކުޅެދޭން އެއްބަސްވި ކަމަށާއި އެއީ މި ފިލްމުގެ ރޯލު އާލިއާ އަށް ހުށައެޅިތާ ވަރަށް ޒަމާންވުމުން ކަމަށެވެ. މިހާރު ސްޓާ އެކްޓަރެއްގެ ގޮތުގައި އާލިއާ ހިމެނުނު ނަމަވެސް އޭނާ މި ފިލްމު ކުޅެން ނިންމީ 2014 ވަނަ އަހަރުއެވެ. އެއީ މި ފިލްމު ހަދާކަން އަޔާން އިއުލާން ކުރި އަހަރެވެ. ބަތަލާ އާލިއާ ބޮލީވުޑަށް ނުކުތީ 2012 ވަނަ އަހަރުއެވެ. ސްޓާ އެކްޓަރަކަށް މިހާރު ވެފައި ވީ ނަމަވެސް އޭރު ކިއި އަގަށް ވުރެ އެންމެ ރުފިޔާ އެއްވެސް ގިނައިން އާލިއާ މި ފިލްމު ކުޅުމަށް ނުނަގާ ކަމަށް ޑައިރެކްޓަރު ބުންޏެވެ.
އިންޑިއާގެ ހޮޓްސްޓާ އިން އެންމެ ގިނަ މީހުން ބެލި ފިލްމަކީ ބުރައްމަސްތުރާ ކަމަށް ވުމާއެކު ރަންބީރު ބުނީ މި ފިލްމަށް ކިޔާފައި ހުރި ފާޑުކިޔުންތަކާ މެދު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށާއި އަދި މި ފިލްމަކީ އެންމެ ގިނަ ބަޔަކު ބެލި ފިލްމަކަށް ވުމުން އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ ކެރިއަރުގައި ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބަކަށް މި ފިލްމު ވެގެން ގޮސްފި ކަމަށާއި މި ޕްރޮޖެކްޓަކީ އޭނާގެ ޑްރީމް ޕްރޮޖެކްޓެއް ކަމަށެވެ.