ގަތަރުގައި ހިނގަމުންދާ ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ޖަޕާން ބަލިކޮށް ކްރޮއޭޝިޔާ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިމެޗު ޕެނަލްޓީއާ ހިސާބަށް ދިޔައީ 90 މިނެޓްގެ ކުޅުން ހަމަވީ އިރު ސްކޯ 1-1 އެއްގައި އޮވެ އިތުރު ވަގުތުގައި ދިން 30 މިނެޓްގައި ދެ ޓީމު ކުރެ ޓީމަކަށް ލަނޑެއް ނުޖެހުމުންނެވެ.
މިމެޗުގައި ލަނޑު ޖަހާ ފުރަތަމަ ލީޑު ނެގީ ޖަޕާނުންނެވެ. މިގޮތުން މެޗުގެ 43 ވަނަ މިނެޓްގައި ޖަޕާނުގެ މިލަނޑު ޖަހާ ދިނީ މައީޑާއެވެ. މިއީ އޭނާ މިމުބާރާތުގައި ޖެހި ފުރަތަމަ ލަނޑެވެ.
ޖަޕާނު ކުރީގައި އޮވެގެން ފުރަތަމަ ހާފް ނިމުނު އިރު މެޗުގެ ދެވަނަ ހާފް ފެށިތަނާ ހެން ކްރޮއޭޝިޔާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 55 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ޖަހާ ދިނީ އިވާން ޕެރަސިޗްއެވެ.
ދެން މެޗުގެ ނޯމަލް ގަޑީގެ އިތުރުން އިތުރު ވަގުތުގައި ވެސް ދެ ޓީމަށް މާ ރަނގަޅު ހަމަލާތައް އުފެއްދިފައި ނުވާ އިރު މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި ޖަޕާނުގެ ފުރަތަމަ ޕެނަލްޓީ ވެސް ކްރޮއޭޝިޔާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ސޭވް ކުރި އިރު ޖުމްލަ 3 ސޭވެއް އޭނާ ވަނީ ކޮށްފައެވެ. ކްރޮއޭޝިޔާއިން ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބު ކުރީ 3-1 އިންނެވެ.
2018 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅުނު ކްރޮއޭޝިޔާ މިމުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅެން ޖެހޭނީ ބްރެޒިލް އަދި ސައުތް ކޮރެއާ ކުޅެން މެޗުން މޮޅުވާ ޓީމަކާއެވެ.