ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ބ. ކަމަދޫ، ސުވާސާގެ، މުހައްމަދު ރާފިލް ރިޔާޟް (24އ) އެވެ.

ރާފިލް ހޯދަމުން ދަނީ ދައުލަތުން ދައުވާކުރާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާތީ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މިމަހު 07 ވަނަ ދުވަހުގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންނަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ރާފިލް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް އެދިފައެވެ.

މި ފަހުން ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ޑްރަގް އެތެރެކުރުމުގެ މައްސަލަތައް ވަނީ އިތުރު ވެފައެވެ.