ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގެ ތެރޭގައި ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރުމުގެ ވޯޓެއް ނަގަން ސަރުކާރުގެ ކޯލިޝަންގެ ޕާޓީތަކުން އެއްބަސްވެފައި ނެތް ކަމަށާއި އަދި މެނިފެސްޓޯގައި ވެސް ނިޒާމީ ވޯޓުގެ ވާހަކައެއް ނެތް ކަަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިމަހުގެ އެއްވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ 2018ގެ ކެމްޕޭންގައި އެމްޑީޕީގެ އެންމެ ބޮޑު އެއް ވައުދަކީ ނިޒާމު ބަދަލުކުރުމުގެ ވޯޓެއް ނެގުން ކަމަށެވެ.
އަދި އެކަން ކުރިއަށް ނުގެންގޮސް 2023 އަށް އެމްޑީޕީން ކެންޑިޑޭޓަކު ނެރެން ޕްރައިމަރީގެ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މިއުވާން ވިދާޅުވީ، ސަރުކާރުން ތަންފީޒުކުރަމުން އަންނަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައްޔިތުންނަށް ދެއްކި މެނިފެސްޓޯއަށް ކަމަށެވެ. އެމެނިފެސްޓޯގައި ނިޒާމީ ވޯޓުގެ ވާހަކައެއް ނެތް ކަމަށާއި އަދި 2018ގެ ކޮންގްރެސްގައެއް ނިޒާމީ ވޯޓަކަށް ދާން އެއްބަސްވެފައި ނުވާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ، މިއަހަރުގެ ކޮންގްރެސްގައި ވެސް ނިޒާމީ ވޯޓަކަށް ދާކަށް އެއްބަސްވެފައި ނެތް ކަމަށެވެ.
ނަޝީދު ވިދާޅުވިގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކުރިން ވެރިކަމުގެ ނިޒާމު ކަނޑައެޅުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށެވެ. އެކަން މެނިފެސްޓޯގައި ވެސް ހިމެނޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ކުރިން ފެންނަ ނުފެންނަ ކަމުގެ ވޯޓެއް ނަގަންޖެހޭ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވެސް ބުނެފައިވާ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.