މާލޭގައި އިއްޔެ ބަރަހަނާ ހާލުގައި އުޅުނީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދާ މީހެއް ކަމަށާއި، ފަރުވާ ދިނުމަށް ފަހު އޭނާ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި މީހަކު އިއްޔެ އާންމުކުރި ވީޑިއޯ އަކުން ފެންނަނީ ކަނބާ އައިސާ ރަނި ހިނގުމުގައި ހަޅޭއްލަވަމުން، ބަރަހަނާ ހާލުގައި މީހަކު ހިނގާފައިދާ މަންޒަރެވެ.

މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ، އެ މީހާގެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ބެލިބެލުމުން އެ މީހާ އަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހެއްކަން އެނގިފައިވާ ކަމަށެވެ.

އެހެންކަމުން، ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން އޭނާގެ ސްޕޮންސަރާ ހަވާލުކޮށް އައިޖީއެމްއެޗުގައި އޭނާ އަށް ފަރުވާ ދެމުންދާ ކަމަށާއި، އޭނާގެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާގެ ވީޑިއޯ އާއި ފޮޓޯ ޝެއާ ނުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.