އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާން ކުރެއްވުމަށް ފަހު ރައީސް ނަޝީދު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ގދ. ތިނަދޫއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރައީސް ތިނަދޫއަށް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ރައީސް ނަޝީދު ތިނަދުއަށް ކުރައްވާ މި ދަތުރުފުޅަކީ ޑައިވިން ދާއިރާ އިން މީހުން ތަމްރީނު ކުރުމަށް ބޭއްވި ޕްރޮގްރާމެއްގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ނަޝީދު އަންނަ ރިޔާސީ އިންތިހާބުގައި ބައިވެރިވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ކަން އިއުލާން ކުރެއްވުމަށް ފަހު މިއީ އަތޮޅުތެރެއަށް އެމަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މިއީ އެމަނިކުފާނު ޕްރައިމަރީއަށް ވާދަކުރައްވާތީ އެމަނިކޔފާނުގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވާނީ ތިނަދޫއަށް ކުރައްވާ މި ދަތުރުފުޅުން ކަމަށެވެ.

ނަމަވެސް އެމަނިކުފާނު އަރިސް ބޭފުޅެއް ކަމަށްވާ އެމްޑީޕީގެ ކުރީގެ ޗީފް ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ ތިނަދޫއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅަކީ ކެމްޕެއިން ފެއްތެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ދެކެވޭ ވާހަކަ ދޮގު ކުރައްވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަ އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައަޅާ ޕްރައިމަރީ ބާއްވާ ތާރީހެއް އެ ޕާޓީއިން އަދި ނުނިންމައެވެ. ނަމަވެސް އަވަސް މުސްތަގްބަލެއްގައި ޕްރައިމަރީ ބާއްވާނެ ކަމަށް ޕާޓީން ހާމަ ކޮށްފައި ވާއިރު، ތާރީހުތަކެއް ދީ މިވަގުތަށް އޮތީ ލަސްވެފައެވެ.

2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ 2 ވަނަ ދައުރެއް ޔަގީން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި ވާ އިރު، އެމަނިކުފާނުވެސް އެމްޑީޕީގެ ޕްރިމަރީގައި ވާދަ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި ވަގުތު އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނަކަށް ބެހިފައިވާ އިރު ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ތިއްބެވި މެންބަރުންނާ އެކު އެމަނިކުފާނު އަންނަނީ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވާހަކަތައް އަނެއްކާވެސް ދައްކަވަމުންނެވެ.