ގަތަރުގައި މިހާރު ހިނގަމުންދާ ފީފާ ވޯލްޑްކަޕް ބެލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން އެގައުމަށް ދަތުރުކޮށްފައިވާ އިރު މީގެ ތެރެއިން އެންމެ ގިނަ ބައެއްގެ އަތުން ފެނިފައިވާ އެއް ދިދައަކީ ފަލަސްތީނުގެ ދިދައެވެ. މުސްލިމް ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕް މުބާރާތުގައި ޔޫރަޕްގެ ގައުމުތަކުން އެކި އެކިި ޕްރޮޕަގެންޑާ ފަތުރަން މަސައްކަތް ކުރި ނަމަވެސް މުސްލިމުންގެ ހިތްތަކުގައި ފަލަސްޠީނަށާއި އެގައުމުގެ މިނިވަން ކަމަށް އޮތް އުއްމީދަކީ ފަސޭހައިން ފޮހެވިފެންދާނެ އެއްޗެއް ނޫނެވެ. މި ވޯލްޑްކަޕްގައި އެކަން ރަނގަޅަށް ފެނިއްޖެއެވެ.
މޮރޮކޯގެ ކުޅުންތެރިޔާ ޓީމުގެ ކާމިޔާބީ ފާހަގަކުރީ ފަލަސްތީނުގެ ދިދައާއެކު
މުބާރާތުގެ ގްރޫޕް އެފްގައި ބެލްޖިއަމް އަދި ކްރޮއޭޝިއާ ފަދަ ގައުމުތައް ފަހަތަށް ޖައްސާލާ ގްރޫޕްގެ އެއްވަނަ ހޯދި މޮރޮކޯގެ ކާމިޔާބީއަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ދަނޑިވަޅެއްގައި އެޓީމުގެ ކުޅުންތެރިއަކު ފަލަސްތީނުގެ ދިދަ ހިފައިގެން އުފާ ފާޅުކުރާތަން ފެނުމަކީ ޖަޒްބާތީ އަމަލެކެވެ.
މި މަންޒަރު ގިނަ ބައެއްގެ ލޮލުގައި އަޅައިގެން ދިޔަ އިރު ސިޔާސީ އެކި އެކި ރަމްޒުތައް ދައްކުވައިދޭ ދިދައާއި ނިޝާން މިމެޗުތަކުގައި ފެތުރުމަކީ ފީފާއިން މަނާކޮށްފައިވާ ކަމެކެވެ. އެހެން ނަމަވެސް ފަލަސްތީނުގެ މައްސަލައަކީ ސިޔާސީ މައްސަލައެއް ނޫނެވެ. އިސްރާއީލުން އެގައުމު އިސްތިއުމާރުކޮށްގެން ފަލަސްތީނު ރައްޔިތުން އަޅުވެތިކޮށްގެން އުޅުމަކީ ވެސް ސިޔާސީ ކަމެއް ނޫނެވެ. މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ އެކި ފެންވަރުގެ މީހުންގެ ވެސް ދެކޭ ގޮތަށް އަނިޔާވެރިކަމާ ބޭއިންސާފެވެ.
ގައްޒާ އޮތީ މޮރޮކޯއާއެކު
މޮރޮކޯގެ ކުޅުންތެރިޔާ ފަލަސްތީނުގެ ދިދަ އޮޅައިގެން އުފާ ކުރަމުންދާތަން ފެންނަ ވީޑިއޯއާއެކު ދެން އާންމުވި އަނެއް ވީޑިއޯއަކީ ފަލަސްތީނުގެ ގައްޒާގައި މޮރޮކޯގެ ކާމިޔާބީ ފާހަގަ ކުރަމުން ދިޔަ ތަނެވެ. މޮރޮކޯއިން 2-1 އިން ކެނެޑާ ބަލިކުރި މެޗު ފެންނަ ބޮޑު ސްކްރީނެއްގައި ކައިރީގައި ގައްޒާގެ ރައްޔިތުން މެޗު ބަލަން ތިބި އިރު މެޗު ނިންމާލުމާއެކު އުފާވެރިކަމާ ހަޅޭކުގެ އަޑު އިވިގެން ދިޔައެވެ.
މޮރޮކޯއަކީ މިހާރު މުބާރާތުގައި އޮތް ހަމައެކަނި އަރަބި ގައުމަށް ވާ އިރު އަރަބި ގައުމުތަކުގެ އިތުރުން މުސްލިމް ގައުމުތަކުން މޮރޮކޯއިން ދެން ކުޅޭ މެޗުގައި ވެސް އެޓީމަށް ސަޕޯޓް ކުރާނެ ކަން ޔަގީނެވެ.
މި ވޯލްޑްކަޕްގައި މޮޅުވީ ފަލަސްތީނު
ފަލަސްތީނުން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޔާޒް މަންސޫރު ދާދި ފަހުން އދގައި ދެއްކި ވާހަކަތަކުގެ ފަހަތުގައި ވާ ހަގީގަތް އޮޅުވާނުލެވޭނެއެވެ. މަންސޫރު ވިދާޅުވީ، ގަތަރުގެ ވޯލްޑަކްޕަކީ އިސްރާއީލުން ދުނިޔޭގެ ލޮލުގައި އަޅުވަން މަސައްކަތް ކުރާ އަނދުނަކީ ދޮގެއް ކަން ދައްކުވައިދިން މުބާރާތެއް ކަަމަށެވެ.
މަންސޫރު ވިދާޅުވީ، މި ވޯލްޑްކަޕުން މޮޅުވީ ކޮން ބައެއް ކަން މިހާރު ވެސް އެނގޭ ކަމަށާއީ އެއީ ފަލަސްތީނު ކަމަށެވެ. މިގޮތުން މުބާރާތުގައި އަރަބި ގައުމުތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އައި މީހުން ފަލަސްތީނުގެ ދިދަ ވިހުރުވާފައިވާ އިރު މިތަން ކޮންމެ މެޗެއްގައި ފެނިފައިވާ ކަމަށް މަންސޫރު ވިދާޅުވިއެވެ. އަދި ފަލަސްތީނާ ގުޅޭ ލަވަތަކާ ގޮވާލުންތައް އަބަދު އިވެން ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަންސޫރު ވަނީ ގަތަރުގެ ވޯލްޑްކަޕް ކަވަރު ކުރަން ދިޔަ އިސްރާއީލުގެ ނޫސްވެރިން ކައިރީ އެމީހުންގެ ތަޖުރިބާ ހިއްސާކުރަން ބުނެފި ނަމަ ބުނާނީ އިސްރާއީލުގެ އިސްތިއުމާރަކީ މީހުން ބަލައިގަންނަ ކަމެއް ކަމަށް ހެދުމަކީ ވާނެ ކަމެއް ނޫން ކަމަށާ މީހުންގެ ހިތްތަކުން ފަލަސްތީނު ފޮހެލުމަކީ އުނދަގޫ ކަމަކަށްވާނެ ކަމަށެވެ.