ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕާ ގުޅިގެން "ފުޓްބޯޅަ ފޯރި"ގެ ނަމުގައި އުރީދޫން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

އުރީދޫގެ އެމްބެސެޑަރުން ކަމަށްވާ މާޒިޔާ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ވެސް ބައިވެރިވާ މި ހަވީރު އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރު އާޓިފިޝަލް ބީޗުގެ އުރީދޫ ފޭން ޒޯނުގައެވެ.

އުރީދޫން ބުނީ، މި ހަވީރުގައި ކުޑަކުދިންނަށް ހާއްސަކޮށް ފުޓްބޯޅަ އާ ގުޅުންހުރި ކަންކަން ރާވާފައިވާނެ ކަމަށެވެ. އެގޮތުން މިނީ ގޯލް ޝޫޓާއި، ހެޑިން ޗެލެންޖުގެ އިތުރުން ޕެނަލްޓީ ޝޫޓާއި 2 އޮން 2 ފަދަ ފުޓްބޯޅަ އާ ގުޅުންހުރި ކަންކަން ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އުރީދޫން ބުންޏެވެ.

ކޮންމެ އުމުރެއްގެ ކުޑަކުއްޖަކަށް ވެސް މި ހަވީރުގައި ބައިވެރިވެވޭނެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ފޯރި ގަދަކުރުމަށްޓަކައި އުރީދޫން މާލެ ހިމެނޭހެން އެކި ރަށްރަށުގައި 213 ފޭންޒޯން ގާއިމްކޮށްފައިވާއިރު، މެޗުތައް ކުރިއަށްދާ ވަގުތު އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް، ހުޅުމާލޭގައި ހުންނަ ރިއޯ ބީޗް ކެފޭ އާއި މާލޭގައި ހުންނަ ސީހައުސް ރެސްޓޯރަންޓުން ހިލޭ ކޮފީ ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވެއެވެ.