ގަތަރުގައި ހިނގަމުންދާ ފީފާ ވޯލްޑްކަޕް މުބާރާތުން ސައުދީ އަރަބިއްޔާއާއި މެކްސިކޯ ކަޓައިފިއެވެ. މިމުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ހައިރާންކުރުވަނިވި ނަތީޖާ ދައްކާލަދިން ސައުދީ ކެޓީ ގްރޫޕްގެ އެންމެ ފަހު މެޗުގައި މެކްސިކޯ އަތުން 2-1 އިން ބަލިވުމުންނެވެ.
މިމެޗުގެ ކުރިން އެއް ޕޮއިންޓް ލިބިފައި އޮތް މެކްސިކޯ ރޭގެ މެޗުން މޮޅުވެ ތާވަލުގެ ދެވަނައިގައި އޮތް ޕޮލެންޑާ އެއްވަރަށް ޕޮއިންޓް ހޯދިނަމަވެސް މެކްސިކޯ ކެޓީ ބައިކޮޅަށް ވަތް ގޯލުގެ ތަފާތުންނެވެ.
ސައުދީ އަދި މެކްސިކޯ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެކްސިކޯއިންނެވެ. މިމެޗުގެ ދެވަނަ ހާފްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ހެންރީ މާޓިންއެވެ. އޭގެ އިރު ކޮޅެއް ފަހުން ލުއިސް ޗާވޭޒް ވަނީ ލަނޑެއް ޖަހާ ސްކޯ 2-0 އަކަށް ހަދާ ދީފައެވެ.
މެކްސިކޯއިން އިތުރު ލަނޑުތަކެއް ޖަހާ ގޯލް ޑިފަރެންސް ބޮޑު ކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މިމުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ސައުދީގެ ކީޕަރު މުހައްމަދު އަލް އުވައިސް ވަނީ ހުޝިޔާރު ކަމާއެކު ގިނަ ސޭވްތަކެއް ކޮށްފައެވެ.
އަދި މެކްސިކޯ މުބާރާތުން ކަޓާނެ ކަން ޔަގީންވީ މެޗުގެ 95 ވަނަ މިނެޓްގައި ސައުދީގެ މުހައްމަދު އަލް ދައުސަރީ ޖެހި ލަނޑުންނެވެ.
ގްރޫޕް ސީގައި މި ދެ ޓީމުން ވެސް ކުޅުނު ތިން މެޗުން އެއް މެޗު ކާމިޔާބުކޮށްފައިވާ އިރު ގްރޫޕްގެ އެއްވަނަ ހޯދި އާޖެންޓީނާގެ މައްޗަށް ސައުދީން ހޯދި ކާމިޔާބީއަކީ ވޯލްޑްކަޕްގެ ތާރީހުގައި ލިޔެވިފައިވާ ކާމިޔާބީއެކެވެ.