ޕްރީ އެކްޓިވޭޓަޑް ސީމް ވިއްކުން މާދަމާއިން ފެށިގެން މަނާވާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) އިން ބުނެފިއެވެ.
އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ، މިއީ މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުންދާތީ މިފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވެޅެއް ކަމަށެވެ.
މި ބަދަލުތަކާއެކު، ސިމް ކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުން ނުކުރެވޭ (ނޮން އެކްޓީވޭޓެޑް ސްޓޭޓަސް) ހާލަތުގައި ކަމަށް ކެމް އިން ބުނެއެވެ. އަދި ސިމް ކާޑު އެކްޓިވޭޓް ވާނީ، ސިމް ކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސާވިސް ޕްރޮވައިޑަރަށް ދިނުމުން ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.
ކެމް އިން ބުނީ، އެކަމާ ބެހޭ އިތުރު ތަފުސީލު، ހިދުމަތް ހޯދަން ބޭނުންވާ ސާވިސް ޕްރޮވައިޑަރުގެ ފަރާތުން ލިބޭނެ ކަމަށެވެ. އަދި ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް އެ އޮތޯރިޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތްތަނުގައި އިތުރު ކަންކަން ވެސް ކުރާނެ ކަމަށް ކެމް އިން ބުނެއެވެ.
ސިމް ކާޑު ބޭނުންކޮށްގެން ސްކޭމް ކުރުމާއި އެނޫންވެސް ނޭދެވޭ އަމަލުތައް ކުރަމުންދާއިރު، ރާއްޖޭގައި ސިމް ކާޑު އެންމެ ގިނައިން ނަގާފައިވަނީ ބިދޭސީންގެ ނަމުގައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. މިގޮތުން ރާއްޖޭގައި ނޫޅޭ ބިދޭސީންގެ ނަމުގައި 25،000 ސިމް ނަގާފައިވާ ކަމަށާއި އަދި ގިނަ ސްކޭމް ހިންގަނީ މި ސިމްތަކުން ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.
ސީޕީ ވިދާޅުވީ، ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމްކާޑު ގަނެފައި ތިބި ފަރާތްތަކަށް ބަލާއިރުގައި އެންމެ ޓޮޕް 5 ގައި ތިބީ ބިދޭސީން ކަމަށެވެ. އެއީ ކުރިން ރާއްޖޭގައި އުޅެފައި ނަމަވެސް މިހާރު ރާއްޖޭގައި ނޫޅޭ ބިދޭސީން ކަމަށް ސީޕީ ފާހަގަ ކުރެއްވިއެވެ.
ސިމްތައް ބޭނުންކޮށްގެން ކުރާ ކުށްތައް ހުއްޓުވަން އެޅި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާ ސީޕީ ވިދަޅުވީ 2،796 ސިމް ކާޑު ކަނޑާލާފައިވާ ކަމަށާއި އަދި 817 މޮބައިލް ފޯނެއް ރާއްޖޭގެ އެއްވެސް ޓެލެކޮމިއުނިކޭޝަން ޕްރޮވައިޑާއެއްގެ ތެރޭގައި ބޭނުން ނުކުރެވޭ ގޮތަށް ބްލޮކް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ސްކޭމް ކޯލްތައް ހުއްޓުވަން 3،130 ފިޔަވަޅު އަޅާފައިވާ ކަމަށާއި 8 އައިޕީ އެޑްރެސް ބްލޮކް ކޮށްފައިވާ ކަމަށް ވެސް ސީޕީ ފާހަގަ ކުރެއްވިއެވެ.
ތިގޮތަށް ތިކަން ކުރައްވާފައިވާ ނަމަ ހަމަ ސާބަހޭ ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އެފަދަ ޢަމަލުތައް ހުއްޓުވުމުގައި ދެމިހުންނެވުމަށް ހިތްވަރުދޭން.