ކ. ތިލަފުށީ ފަޅު ތެރެއިން ކަނޑަށް ކުނި ބޭރުވަމުންދާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން ބުނީ އާންމުކޮށް އޮއެ ހުންނަ ގޮތުން އެކި ދުވަސްވަރު ތިލަފުށީ ފަޅުގެ އެންމެ އެތެރެއަށް ގިނަ އަދަދެއްގެ ކުނި އަބަދުވެސް ޖަމާވާ ކަމަށާއި މި ދުވަސްވަރު އޮއެ ހުރި މިސްރާބު ބަދަލުވުމާއި ގުޅިގެން ކުނިތައް ފަޅުތެރޭގައި ދައުރުވެ، ކުނިތައް ކަނޑަށް ބޭރުވަމުންދާ ކަމަށެވެ.

ތިލަފުށީ ފަޅުތެރޭގައި ދައުރުވަމުންދާ ކުނިތައް، ކަނޑަށް ބޭރުވުމުގެ ފުރުސަތު ކުޑަކުރުމަށް ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯ އިން މިއަދު އާއްމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، މި ވަގުތު ތިލަފުށީ ފަޅުތެރެ އޮތީ އެކި ބާވަތުގެ ކުނިން ފުރިފައެވެ. އެ ކުންޏަކީ ދޯނި ފަހަރުން މޫދަށް އުކާލާފައި ހުންނަ ކުންޏާއި އެ ރަށުގެ ބައެއް ސައިޓުތަކުން މޫދަށް އެޅިފައި ހުންނަ ކުނިތައް ކަމަށެވެ.

ތިލަފުއްޓަށް ދުވާލަކު 500 އަކަށް ޓަނުގެ ކުނި އުކާލައެވެ. އަދި އެ ތަނަށް ޖަމާކުރާ ކުނިން މުޅި ސަރަހައްދު ތަގައްޔަރު ވަމުން އަންނައިރު އެ މައްސަލައަށް ނިމުން ގެނައުމަށް ބިޔަ މަޝްރޫއެއް ސަރުކާރުން ވަނީ ފަށައިފައެވެ.