ރާއްޖޭގެ އިގްތިސޯދު އެއް ސިނާއަތެއްގެ މައްޗަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް، ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެއެވެ.

މައިގަނޑު ގޮތެއްގައި ރާއްޖޭގެ އިގްތިސޯދު ބަރޯސާވެފައި ފަތުރުވެރިކަމުގެ ސިނާއަތާއި މަސްވެރިކަމުގެ ސިނާއަތުގެ މައްޗަށެވެ. ކޮވިޑް-19 ފެތުރުނު ދުވަސްވަރު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި، ރަށްތައް ލޮކްޑައުން ކުރުމުން މި ދެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ރާއްޖޭގެ އިގްތިސޯދަށް އެކަމުގެ އަސަރު ކުރިއެވެ.

"ގޯލްޑް 100 ގާލާ" ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކޮވިޑުގެ ހާލަތުގައި ރާއްޖެ އަށް ކުރިމަތިވި އިގްތިސޯދީ ގެއްލުންތަކުން އަރައިގަނެވުނީ ޕްރައިވެޓް ސެކްޓަރުން ވެސް ސަރުކާރާ ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމެއް ގައުމެއްގެ ގޮތުގައި ދެމި އޮންނަނީ އެ ގައުމެއްގެ އިގްތިސޯދު ބިނާވެފައިވާ ގޮތުގެ މައްޗަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓުމުގައި ޕްރައިވެޓް ސެކްޓަރުން ކުރާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން ޖެހޭ ކަމަށް ވިދާޅުވެ، ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ބިނާވެފައި ވަނީ މުޅިން ހެން ޕްރައިވެޓް ސެކްޓަރުގެ މައްޗަށެވެ.

އެއާއެކު، ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު އެއް ސިނާއަތެއްގެ މައްޗަށް ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކޮށް، އިގްތިސޯދު ސިންދަފާތުކުރުމުގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. އެކަމަށް ދަތިތައް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ވިޔަފާރިވެރިންނަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުން ކަމަށް ވެސް ވިދާޅުވިއެވެ

މި ހަފްލާ ގައި، "ގޯލްޑް 100" މެގަޒިން ނެރެދެއްވުމުގެ އިތުރުން، ނައިބު ރައީސް ވަނީ ލައިފްޓައިމް އެވޯޑު ލިބިވަޑައިގެންނެވި ދަމާސް ކޮމްޕެނީގެ ޗެއާމަން މުޙައްމަދު ސޯލިހަށް އެ އެވޯޑް ހަވާލުކޮށްދެއްވައިފައެވެ.

"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާ އިން ރާއްޖޭ ގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ. "ގޯލްޑް 100 ގާލާ" ހަފްލާގައި މި ލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް ވަނީ ރޭ އެވޯޑް ހަވާލުކޮށްފައެވެ.