ވ. ހުޅިދު އާއި އެ އަތޮޅު އަންބަރާގައި ކުރި ސާވޭއިން، އެ ދެ ރަށުގައި ވެސް އީއައިއޭއާ ހިލާފަށް މަސައްކަތް ކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެފިއެވެ.

އީޕީއޭއިން ހުޅިދޫ އަދި އަންބަރާގެ އިންސްޕެކްޝަން ހަދާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

އީޕީއޭއިން ވ. އަތޮޅު ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި ބުނީ، އެއެޖެންސީން ކުރި ސާވޭއިން، އެ ދެ ރަށުގައި ވެސް ތިމާވެށީ ހާލަތު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) އާ ހިލާފަށް މަސައްކަތް ކޮށްފައި ވާކަން އެނގިފައިވާ ކަމަށެވެ.

އާންމު އުސޫލުގެ ތެރެއިން ސާވޭއަށް ފަހު، އެ ރަށްތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ޖަވާބުދާރީވުމަށް މުއްދަތެއް ދީފައިވާ ކަމަށް ވެސް އީޕީއޭއިން ވަނީ ބުނެފައެވެ.

ވ. އަތޮޅު ކައުންސިލަށް އީޕީއޭއިން އެ ސިޓީ ފޮނުވީ އެ ސާވޭގެ ރިޕޯޓް ހިއްސާކޮށްދޭން އެދިފައި ވާތީއެވެ. ނަމަވެސް ސާވޭގެ ރިޕޯޓް ކައުންސިލާ ހިއްސާކުރެވޭނީ، ޖަވާބުދާރީވުމުގެ މަރުހަލާގެ ކަންކަން ފުރިހަމަވުމުން ކަމަށް އީޕީއޭއިން ބުނެއެވެ.

އީއައިއޭ އިންސްޕެކްޝަނުން ފާހަގަކުރެވުނު ކަންކަމާއި ގުޅޭގޮތުން އީޕީއޭއިން ތައްޔާރުކުރާ ރިޕޯޓް އެހެން ފަރާތަކާއި ހިއްސާކުރެވޭނީ، އިސްވެ ދެންނެވުނު ޖަވާބުދާރީވުމުގެ މަރުހަލާ ފުރިހަމަވުމުން.
އީޕީއޭ

ވ. ހުޅިދޫ ކުއްޔަށް ދޫކޮށްފައި ވަނީ ދަނޑުވެރިކަން ތަރައްގީ ކުރުމަށް 2017 ވަނަ އަހަރުގެ ތެރޭގައި އާރަށް އިންވެސްތްމަންޓް ޕްރައިވެޓް ލިމިޓެޑަށެވެ. 20 އަހަރަށް ދީފައިވާ އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އާރަށް އިންވެސްޓްމަންޓް އިން ވަނީ ބުނެފައެވެ. އަދި އެކަމަށް ތައްޔާރުވުމަށް ރަށުގައި ބައެއް އިމާރާތް ހަދާފައިވާ ކަމަށްވެސް ބުނެއެވެ.

ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ހުޅިދޫގެ އެއްބަސްވުން ބާތިލުވެއްޖެ ކަމަށާއި އެ ރަށަށް އަތޮޅު ކައުންސިލާ ހަވާލުކުރުމަށް ގޮވާލައި ވ. އަތޮޅު ކައުންސިލުން އިސްވެ މިދިޔަ މަހު 13 އަދި 14 ވަނަ ދުވަހު ހުޅިދޫއަށް އަރައި އިހްތިޖާޖު ވަނީ ކޮށްފައެވެ.

މީގެ އިތުރުން މި ދިޔަ މަހުގެ 8 ވަނަ ދުވަހު ވަނީ ހުޅިދޫ ވަށައިގެން ކަނޑު އުޅަނދުތަކުގައި ވ. އަތޮޅުގެ ގެސްތްހައުސްތައް ހިންގާ ބައެއް ފަރާތްތައް ނިކުމެ ކަނޑުމަތީގައިވެސް އިހުތިޖާޖު ކޮށްފައެވެ. އެ އިހްތިޖާޖުގައި 10 އުޅަނދެއްގައި 50 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައި ވެއެވެ.

ވ. އަތޮޅު ކައުންސިލުން ބުނަނީ އެ ރަށުގެ ގޮނޑުދޮށަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާ ކަމަށާއި ގޮނޑުދޮށަށް ބީއްސާލާފައި އޮންނަ ބާޖެއް ވެސް އެތާ އޮންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.