ރާއްޖެ އާ އަވައްޓެރި ނޭޕާލުގައި ހުސްވި ހަފްތާގައި ބޭއްވި އިންތިހާބުގައި ވެރިކަން ކުރާ ކޮންގްރެސް ޕާޓީން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި ނަމަވެސް ސާފު އަޣުލަބިއްޔަތެއް ނުލިބުނެއެވެ.
މިދިޔަ ހޯމަ ދުވަހާ ހަމައަށް ވޯޓުގެ ބޮޑުބައި ގުނާ ނިމިފައި ވާ އިރު ބޮޑުވަޒީރު ޝޭރް ބަހާދޫރު ޑިއުބާގެ ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގެ ދަށު ގޭގެ 52 ގޮނޑި ލިބިފައި ވެއެވެ. އިދިކޮޅު ކޮމިއުނިސްޓް ޕާޓީ، ޔުނިޓެޑް މާޒިސްޓް ލެނިނިސްޓް ޕާޓީއަށް 41 ގޮނޑި ވަނީ ލިބިފައެވެ.
ނޭޕާލްގެ ޕާލިމަންޓުގައި 275 މެންބަރުން ތިބޭ އިރު ވޯޓު ލިޞޭ ނިސްބަތަކުން ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓަކު ކަނޑައަޅާ 110 ގޮނޑިއާއި ވަކި ވަކި ކެންޑިޑޭޓުން ވާދަ ކުރާ 165 ގޮނޑިއެވެ.
މިހާރުގެ ބޮޑުވަޒީރު ޑިއުބާގެ ޕާޓީން އިތުރު 4 ޕާޓީއަކާއެކު ކޯލިޝަން ހަދާފައި ވާ އިރު، ވޯޓުގެ ރަސްމީ ނަތީޖާގެ ކުރިންވެސް ޑިއުބާގެ ޕާޓީއަށް ކާބިޔާބު ވެދާނެ ކަމަށް ހަބަރުތައް ބުނެއެވެ. މިދިޔަ ހޯމަ ދުވަހަކާ ހަމައަށް 165 ގޮނޑީގެ ތެރެއިން 150 ގޮނޑިއެއްގެ ނަތީޖާ ވަނީ ސާފުވެފައެވެ.
މި ހިނގާ ނޮވެމްބަރު 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ބައެއް ސަރަހައްދުތަކުގައި ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގާފައި ވާ އިރު ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުކަމަށް ހަބަރުތައް ބުނެއެވެ.
ނޭޕާލުގައި މި ފާއިތުވި 16 އަހަރު 13 ފަހަރަކު ސަރުކާރު ބަދަލުވިއެވެ.
އިންޑިއާގެ ޓެކްނިކަލް އެހީ އާއި ތަކެތީގެ އެހީ މި އިންތިހާބަށް ފޯރުކޮށްދީފައި ވާ އިރު، އޭގެ ތެރޭގައި ނޭޕާލުގެ ސަލާމަތީ ބާރުތަކަށް ހަދިޔާ ކުރި 120 ވެހިކަލާއި އިލެކްޝަން ކޮމިޝަނަށް ހަދިޔާ ކުރި 80 ވެހިކަލްވެސް ހިމެނެއެވެ. ނިމިދިޔަ އިންތިހާބުތަކުގައި އިންޑިއާއިން ގިނަ އަދަދެއްގެ އެހީ ދީފައި ވާ ކަމަށް ނޭޕާލުގެ ސަރުކާރުން ބުނެފައި ވާ އިރު އިންޑިއާ އާއި ޗައިނާގެ ކޯޅުމުގެ ތެރޭގައި އަލަށް އެކުލަވާލައި ސަރުކާރަކަށްވެސް ބޮޑެތި ގޮންޖެހުންނަށް ހުންނާނެ ކަމަށް މުރާސިލުން ބުނެއެވެ.
ރާއްޖެވެސް ހިމެނޭ އޭޝިއާގެ މިސަރަހައްދުގެ ހުރިހާ ގައުމަކަށް އިންޑިއާގެ އެހީ ފޯރުކޮށް ދޭ އިރު، ޗައިނާގެ ބައިވެރިވުމާއި، ޗައިނާއިން އެހީ ގައުމުތަކުން ހޯދުމާ އިންޑިއާއިން ދެކޮޅެވެ.