އެއްވެސް އުނި އިތުރެއް ނެތި، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓާއި، މި އަހަރުގެ ބަޖެޓަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 42.68 ބިލިއަން ރުފިޔާގެ ބަޖެޓަށް މެންބަރުން ބަހުސްކޮށް، ކޮމިޓީ މަރުހަލާގައި ބަޖެޓު ދިރާސާކުރުމަށް ފަހު، ބަޖެޓް ކޮމިޓީން ނިންމާފައި ވަނީ 160 މިލިއަން ރުފިޔާ އިތުރުކޮށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ފާސްކުރުމަށެވެ.
އޭގެ އިތުރުން މި އަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީގެ ރިޕޯޓަށް މިދިޔަ ހަފްތާގައި ބަހުސްކޮށް ނިންމާލާފައިވާއިރު، މިއަދުގެ ޖަލްސާގައި އޮތީ ބަޖެޓަށް ވޯޓަށް އެހުމެވެ. ވޯޓަށް އެހުމުގެ މަރުހަލާގައި އިދިކޮޅު ކޯލިޝަން ތަމްސީލްކުރައްވާ މެންބަރުން ބަޖެޓް ރިޕޯޓަށް 13 އިސްލާހެއް ހުށަހެޅުއްވި އިރު، އަދި ސަރުކާރު ހިންގާ އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތިން އިސްލާހެއް ހުށަހެޅުއްވި އިރު، އެ އިސްލާހުތައް ވަނީ ބޭރުކޮށްލައިފައެވެ.
އެއަށްފަހު އޮތީ ބަޖެޓަށް ވޯޓަށް އެހުމެވެ. ވޯޓަށް އެހުމުން، އަންނަ އަހަރަށް ލަފާކުރި ބަޖެޓަށާއި މި އަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރުކުރުމަށް ވަކިވަކިން ވޯޓަށް އެހުމުން، ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ ތެރެއިން 61 މެންބަރަކު ވޯޓު ދެއްވުމުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ
އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ދައުލަތުން ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާއެވެ. އެގޮތުން އާމްދަނީގެ ގޮތުގައި 29.62 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 2.48 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުން ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން މަޝްރޫއުތަކަށް 14 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އަދި މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 12.9 ބިލިއަން ރުފިޔާ ހަރަދުކުރާއިރު ތަކެއްޗާއި ހިދުމަތް ހޯދުމަށާއި، ދަތުރުފަތުރާއި މަރާމާތު ފަދަ ރިކަރަންޓް ޚަރަދުތަކަށް 5.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ހަމައެހެންމެ ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.5 ބިލިއަން ރުފިޔާ ކަމަށްވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.