"ޗައިނާ-އިންޑިއަން އޯޝަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ދިވެހިރާއްޖެއިން ބައިވެރި ނުވާތީ ފާޑުކިޔުން އަމާޒުވުމުން ރަސްމީކޮށް ތަމްސީލު ނުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިހެން ބުނެފައި ވަނީ، މި މަހުގެ 21 ވަނަ ދުވަހު ބޭއްވި މި ފޯރަމްގައި ރާއްޖެއިން ބައިވެރިވި ކަމަށް ބުނެ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން ނެރުނު ނޫސްބަޔާނަކާ ގުޅިގެންނެވެ. އެ މިނިސްޓްރީން ބުނީ، ފޯރަމްގައި ދިވެހި ސަރުކާރުން ބައިވެރިވެފައި ނުވާ ކަމަށާއި އަދި އެގޮތަށް ނިންމާފައިވާ ކަން ވާނީ މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއަށް ވެސް އަންގާފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ވަކި ވަކި ފަރުދުން ނުވަތަ ވަކި ބަޔަކު ބައިވެރިވުމަކީ، ދިވެހި ސަރުކާރުގެ ރަސްމީ ތަމްސީލެއް ނޫން ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޖ) ގައިވާ ގޮތުގެ މަތިން، ގައުމުގެ ހާރިޖީ ސިޔާސަތު ކަނޑައެޅުމާއި، އަމަލު ކުރުމާއި، ބެލެހެއްޓުމާއި، ބޭރުގެ ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާއެކު ސިޔާސީ ގުޅުން ހިންގޭނީ ހަމައެކަނި މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ބައިނަލްއަގްވާމީ އުސޫލުގައިވާ ގޮތުން ރާއްޖެ ތަމްސީލުކުރުމަށް ބާއްވާ ބައްދަލުވުންތަކާއި ފޯރަމްތަކާއި ކޮންފަރެންސްތަކަށް ރަސްމީ އެކްރެޑިޓޭޝަން އޮންނާނީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.