މަރުވުމުން މޫދަށް އުކާލާފައިވާ ކަމަށް ބެލެވޭ ވައްލަ ތަކެއް މާލޭ ފަޅުތެރެއިން ފެނިއްޖެއެވެ.

އީޕީއޭއިން ބުނީ މާފަންނު ސްޓޭޑިއަމާ ދިމާލުން ފަޅުތެރޭގައި މަރުވެފައި އޮތް 15 ވައްލަ ފެނިފައިވާ ކަމަށެވެ.

އެ ދޫނިތައް މަރުވެފައި ވަނީ ހިފައިގެން ގެންގުޅުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ، ދޫނިތައް މަރުވުމުން މޫދަށް އުކާލީ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މައުލޫމާތު އެނގޭ ފަރާތެއް ހުރިނަމަ އެކަން އީޕީއޭއަށް ހިއްސާ ކުރުމަށް އީޕީއޭއިން ވަނީ އެދިފައެވެ.

ވައްލައަ ނުވަތަ އައިންމަތީ ކިރު ދޫންޏަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ދޫންޏެކެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން، ހިމާޔަތް ކޮށްފައިވާ ދިރުންތައް ހިފުން، ބަންދުކުރުން، ގެންގުޅުން އަދި ގެއްލުންދިނުމަކީ މަނާ ކަމެކެވެ.

ހިމާޔަތް ކޮށްފައިވާ ދޫނި ހިފާ، އަނިޔާކުރާ ނަމަ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނެއެވެ.