ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ފަސް އަހަރުތެރޭ ނިންމޭނެ ކަންކަމެއް ނޫން ކަމަށާއި އިތުރު ދެ އަހަރު އެފަދަ މަޝްރޫއުތަކަށް ބޭނުންވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީގައި ވާހަކަދައްކަވަމުން މެންބަރު އަސްލަމް ވިދާޅުވީ މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހުޅުވާލި ފޯމް ހުށަހެޅުމުގެ މަރުހަލާ ނިމިފައިވާ ކަމަށާއި މިހާރު ކުރަމުންދާ މަސައްކަތަކީ ގޯތިތަކަށް ހުށަހެޅި ފޯމުތައް ދިރާސާކުރުމުގެ މަސައްކަތް ކަމަށާއި އެހެންނަމަވެސް އެ މަސައްކަތް ލަސްވެފައިވަނީ އެޕްލިކޭޝަންތައް ދިރާސާކުރުމަށް ރައީސް އުފައްދަވާންޖެހޭ ކޮމިޓީ އަދި އުފައްދަވާފައި ނުވާތީ ކަމަށެވެ.

އެ ކޮމިޓީ އެކުލަވާލެއްވިހާ އަވަހަކަށް ގޯތިތައް ދޫކުރާނެ މީހުން ޝޯޓްލިސްޓުކޮށް އިއުލާންކުރާނެ ކަމަށާއި އެކަން ވާނެ ކަމަށް މިނިސްޓަރު ލަފާކުރައްވަނީ 2023 ވަނަ އަހަރުގެ މެއި މަސްތެރޭގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ހުޅުމާލެއިން ލިބޭނެ ގޯތިތަކުގެ މިންތައްވެސް ހުރީ ކަނޑައަޅައި ނިމިފައި ކަމަށާއި ގުޅީފަަޅު ހިއްކުމުގެ މަސައްކަތް އަދި ނުފެށޭ ކަމަށެވެ. އަދި ސަރުކާރުން އިމާރާތްކުރަން ނިންމާފައިވާ 5000 ފްލެޓާއި ގުޅޭގޮތުން އަސްލަމް ވިދާޅުވީ، އެމަސައްކަތް ދައުރު ނިމުމުގެ ކުރިން ފުރިހަމަ ނުކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.