ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި އެމިނިސްޓްރީގެ އެހެން މުވައްޒަފަކާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓުގެ ކޯޑިނޭޓަރަކަށް މަސަކަތްކުރި މަހުމޫދު ޝަފީގު ހުށަހަޅާފައިވާ މި މައްސަލާގައި ތުހުމަތު ކުރަނީ ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީ ކޮށްދީ އެކަމުން މާލީ ތަނަވަސްކަން ހޯދަމުން ދާ ކަމަށާއި ނަހުލާގެ އިތުރުން މިކަމުގައި އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު ވެސް ޝާމިލުވާ ކަމަށެވެ.
57 އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ގަވާއިދާ ހިލާފުވެފައި އޮތް ގޮތް ތަފްސީލުކޮށްދޭ ރިޕޯޓެއް ވެސް ހިމަނާފައި އޭނާ ހުށަހެޅި މައްސަލައިގައި އުޅަނދުތައް ރަޖިސްޓްރީ ކޮށްފައި ވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގެ ގަވާއިދު ނާޖާއިޒު ގޮތުގައި ބޭނުން ކޮށްގެން ކަމަށް ވަނީ ބުނެފައެވެ.
އެ އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ އިރު މިނިސްޓަރަށް އެޑްރެސްކޮށް ހުށަހަޅާ ސިޓީ ޓްރާންސްޕޯޓް މިނިސްޓްރީގައި އެންޓްރީ ހެދުމަކާ ނުލައި އަދި ޖަވާބު ދިނުމާ ނުލައި އެ އުޅަނދުތައް ސިއްރިއްޔާތުގައި ރަޖިސްޓްރީ ކޮށްދިނުމުގެ ހިދުމަތް އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ފުރިހަމަ ކޮށްދޭ ކަމަށް ވެސް ބުނެފައި ވެއެވެ.
އެ މައްސަލާގައި ބުނެފައިވަނީ މިނިސްޓަރު ނަހުލާ ހުއްދަ ދީގެންކަން އެންގުމުގެ ގޮތުން ކޮންމެ ހިދުމަތަކާއެކު ހުށަހަޅާ ފޯމުގެ އަރިމަތީގައި މިނިސްޓަރު އައިޝަތު ނަހުލާގެ ސޮއިކޮށް ހުއްދަ ދީފައިވާ ކަމަށެވެ.
އިތުރަށް އެ މައްސަލާގައި ބުނެފައި ވަނީ އެ އުޅަނދުތައް ރާއްޖެ އެތެރެކޮށްފައި ވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރަމުން ދާ ކުންފުންޏަކުން ދުރާލައި ރާވައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމުގެ ޔަގީންކަމާއެކު ކަމަށާއި މިނިސްޓަރަށް ހުށަހަޅާ ސިޓީތަކުގައި އެ ކުންފުނީގެ ތައްގަނޑު ވެސް ޖަހާފައި ވާކަމަށެވެ.