އޮސްޓްރޭލިއާގައި އާންމުން ދިރިއުޅޭ ގެއެއްގެ ބެކްޔާޑްގައި އޮތް ޕޫލެއް ކައިރިން ދިޔަ 5 އަހަރުގެ ކުއްޖެއް ދަމައިގަނެގެން ދިޔަ ޕައިތަން އެއް ކުއްޖާ ކާނުލަނީސް ސަލާމަތް ކޮށްފިއެވެ.

އުމުރުން 5 އަހަރުގެ އެ ކުއްޖާ ސައިޒުގެ 3 ގުނަ ބޮޑު (10 ފޫޓު) ގެ ޕައިތަން ފިލާ އޮތީ، ކުއްޖާ ހިނގަމުން ދިޔަ އިރު ޕޫލްގެ އަރިމަތީގައި ހުރި ގަސްތަކުގެ ތެރޭގައެވެ. ކުއްޖާ ޕޫލްގެ އަރިމަތިން ހިނގާފައި ދަނިކޮށް ގަސްތަކުގެ ތެރެއިން ކުއްލިއަކަށް ނުކުމެ އޭތި އޮޅާލީ ކުއްޖާގެ ފައިގައި ކަމަށާއި އެއާއެކު ޕޫލަށް ވެއްޓުނު ކަމަށް އެ ކުންޖާގެ ބައްޕައާއި ކާފަ އާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

ކުއްޖާގެ ގައިގައި ހަރުފަ އޮޅާލައި ނޭވާ ހާސްވުމަށް ދަނިކޮށް ފެނި، ކުއްޖާގެ ކާފަ ޕޫލަށް ފުންމާލީ ކަމަށާއި، އެއާއެކު އެ ކުއްޖާގެ ގައިން ހަރުފަ ނައްޓަން މަސައްކަތް ކުރުމުގެ ތެރޭގައި ކުއްޖާވެސް ކުޑަކޮށް ޒަހަމްވި ކަމަށް ބުނެއެވެ. އަދި ކުއްޖާގެ ގައިން ހަރުފަ ނައްޓަން ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓް ހޭދަވި ކަމަށާއި އެއިރު އެ ކުއްޖާގެ ބައްޕަވެސް އެތަނަށް އައިސް އެކަމުގައި އެހީވަމުން ދިޔަ ކަމަށް ބުނެއެވެ.

ކުއްޖާ ސަލާމަތް ކުރެވުނު އިރު އެ ކުއްޖާއަށް ލިބިފައި ހުރި ޝޮކްގެ ސަބަބުން އެއީ ވިހަ ހަރުފައެއް ނޫން ކަމަށާއި ކުއްޖާއަށް ގެއްލުމެއް ނުވާނެ ކަމަށް ބުނެދެމުން ދިޔަ ކަމަށް ކުއްޖާގެ ބައްޕަ ކިޔައިދީފައި ވެއެވެ.

ހަރުފައިގެ ކިބައިން ކުއްޖާ ސަލާމަތް ކޮށް އަވަސް ފަރުވާއަށް ކުއްޖާ ސިއްހީ އެހީތެރިންނާ ހަމައަށް ގެންދިޔަ އިރު އެ ދެބަފައިން ހަރުފަ ނައްޓާ ގަސްތަކުގެ ތެރެއަށް އެއްލާލިއެވެ.

މިހާދިސާގައި ކުއްޖާގެ ގައިގައި ހަރުފަ ދަތް ޖެހިފައި ހުރި ނަމަވެސް ވިހައިގެ އަސަރު ކޮށްފައި ނެތް ކަމަށްވެސް ބުނެއެވެ.

އޮސްޓްރޭލިއާގެ ސިޑްނީއާ ގާތްގަނޑަކަށް 8 ގަޑި އިރުގެ ދުއްވުމެއްގެ ދުރުމިނުގައި އޮންނަ އެ ސަރަހައްދަކީ ދޭތެރެ ދޭތެރެއިން ހަރުފައިގެ އުނދަގޫ ވާ ސަރަހައްދެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.