ދަރިން ބަނޑުހައިހޫނު ކަމުގައި ރޯތީ އެއްބައެއްގެ ހިތަށް ކެތްނުވެގެން ނިންދެވުމަށް މަސްތުވާ ޒާތުގެ ބޭސްތައް ކާންދެނީއެވެ. އަނެއްބަޔަކު ހަށިގަނޑުގެ ގުނަވަންތަކާއި އެމީހުންގެ އަންހެން ދަރިން ވިއްކާފައި ބަނޑުފުރާނަ މުއްތިކޮށް ދިރިއުޅުމުގެ އަސާސީ ހާޖަތުތައް ފުއްދަނީއެވެ.
މިއީ 2021 ވަނަ އަހަރުގެ އޮގަސްޓުމަހުގައި އަފްގާނިސްތާނުގެ ވެރިކަމާ ތޯލިބާނުން ހަވާލުވި ފަހުން އަފްގާނިސްތާނުގެ ނިކަމެތި ރައްޔިތުން ދިރިއުޅެން ޖެހިފައިވާ ހިތްދަތި ހާލެވެ. 20 އަހަރު ވަންދެން އެގައުމުގައި ތޯލިބާނުން އެމެރިކާ އާއި ހުޅަނގުގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ކުރި ހަނގުރާމަ ނިމި އެމީހުން އަފްގާނިސްތާން ދޫކޮށް ދިޔުމުން ތޯލިބާނުން ވެރިކަމާ ހަވާލުވި ހިސާބުން އަފްގާނިސްތާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ގައުމު ދޫކޮށް ހިޖުރަ ކުރިއެވެ. ސަބަބަކީ ތޯލިބާނުންގެ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން ގައުމުގައި އުޅެން ދަތިވުމެވެ. މި މީހުންނަށް އެމެރިކާ އަދި ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ ހިމާޔަތް ދީފައެވެ.
ތޯލިބާނުން ވެރިކަމާ ހަވާލުވިފަހުން އަފްގާނިސްތާނުގެ އަންހެނުންނަށް ވަނީ މިނިވަންކަން ވަރަށް ހަނިކޮށްފައެވެ. މީގެ ތެރޭގައި ހެދުން އަޅަންޖެހޭ ގޮތާއި، ފިރިހެނަކާއި ނުލައި އާންމު ތަންތަނަށް ނުނިކުމެވޭ ގޮތަށް ގާނޫނުތައް ހަދައި ތަންފީޒު ކުރިއެވެ. މީގެ އިތުރުން އަންހެން ކުދިންނަށް ސާނަވީ ތައުލީމު ނުދެވޭ ހެން ސްކޫލްތަކަށް ފޮނުވުން މަނާކުރުން ހިމެނެއެވެ. މިކަމާ ގުޅިގެން އަފްގާނިސްތާނުގެ އަންހެނުން ކުރި މުޒާހަރާއެއްގައި ބައިވެރިވި އަންހެނުންނަށް ތޯލިބާނުން ކުރި އަނިޔާތަކުގެ މައްޗަށް އަލިއަޅުވާލައި އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ތޯލިބާނުން ވަނީ އަފްގާނިސްތާނުގައި ކުޑަކުދިންނާއި އަދި އަންހެނުންގެ ހައްގުތައް ފޭރިގަނެފައެވެ.
އދ ގެ ރިޕޯޓުތައް ބުނާގޮތުން މީގެ ސަބަބުން 1.1 މިލިއަން ކުދިންގެ ތައުލީމީ ހަޔާތަށް އަސަރު ފޯރައިފައި ވެއެވެ.
ތޯލިބާނުން ވެރިކަމާ ހަވާލުވި ހިސާބުން ގައުމުގެ އިގްތިސާދު ހީނަރުވާން ދިމާވި އެންމެ ބޮޑު ސަބަބީ ޔޫރަޕް އަދި އެމެރިކާ އިން އެމީހުންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެވެ. އެގޮތުން އެމެރިކާއިން ވަނީ ބޭރުގެ ގައުމުތަކުގައި ވާ އަފްގާނިސްތާނުގެ ފައިސާތަކާއި މުދާތައް ހިފަހައްޓާފައެވެ. މީގެ އިތުރުން ބޭރު ގައުމުތަކުން ބޭނުންވާ ޒަރޫރީ ސާމާނު އެތެރެ ނުކުރެވުމުގެ ސަބަބުން ގައުމުގެ ރައްޔިތުންނަށް މިވަނީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތި ލާންޖެހިފައެވެ.
އަފްގާނިސްތާނުގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ހެރާތުގެ ގިނަ މީހުން ބުނަނީ އެހެންނެވެ. އޭގެ ތެރެއިން އެކަކީ އަބްދުލް ވައްހާބް ކިޔާ މީހަކެވެ.
ވައްހާބުމެން ދިރިއުޅެނީ ހެރާތުގެ ބޭރުގައި އަޅާފައިވާ ހަނގުރާމައިގެ ކާރިސާތަކުގައި ހާލުގައި ޖެހޭ މީހުން ދިރިއުޅެން މަށިން ހަދާފައިވާ ގިނަ އަދަދެއްގެ ގެ ހިމެނޭ ބައިބޯ ސަރަހައްދެއްގައެވެ.
ވައްހާބާއި އެއްކޮށް ތިބި ގިނަ އަދަދެއްގެ މީހުން ވަނީ އެމީހުން ދަރިން ނިންދެވުމަށްޓަކައި ތަފާތު އަމަލުވާ ކަހަލަ ބޭސް ދޭކަމަށް ބުނެފައެވެ. މީގެތެރޭގައި ނަފްސާނީ ބަލިތައް ކަމުގައިވާ އެންޒައިޓީ އަދި ޑިޕްރެޝަން އަށް ދޭ ބާރުގަދަ ބޭސްތައް ހިމެނެއެވެ.
6 ކުދިންގެ ބައްޕައެއް ކަމުގައިވާ ގުލާމް، އޭނާގެ އެންމެ 1 އަހަރުވީ ތުއްތު ދަރިފުޅަށް ވެސް އެބޭސް ދޭކަމަށް ބުންޏެވެ. ޑޮކްޓަރުން ބުނާ ގޮތުން އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ ތުއްތު ކުދިންނަށް މިފަދަ ބޭސްތައް ދިނުމުގެ ސަބަބުން ކުދިންގެ ފުރަމޭ ހަލާކުވުމާއި، އަބަދު ވަރުބަލިވުމާއި، ނިދުމުގެ މައްސަލަތަކާއި އަދި މީގެ އިތުރުން ކުދިންގެ އުޅުމަށް ވެސް ނޭދެވޭ އަސަރު ކުރެއެވެ.
އެ އަވަށުގައި ހުރި ފިހާރަ އަކުން ޕާނެއް ގަންނަން ލިބޭ އަގުގައި ދިހަ މީހުންނަށް ވާ ވަރަށް ބޭސް ލިބެއެވެ. އަދި މި އަވަށުގައި ދިރިއުޅޭ އާއިލާތައް އުޅެނީ ކިރިޔާ ބަނޑުފުރާނަ މުއްތި ކުރެވޭ ވަރުގެ ކާ އެތިކޮޅެއް ކައިގެންނެވެ.
އދ އިން ހާމަކުރާ ގޮތުގައި އަފްގާނިސްތާނުގައި އިންސާނީ ބޮޑު ކާރިސާއެއް ފެށިދާނެކަމުގެ ބިރު މިހާރުވެސް އެބައޮތެވެ.
މިސަރަހައްދުގައި ދިރިއުޅެމުން އަންނަ ގިނަ ފިރިހެނުންނަކީ ދުވަހު މުސާރައަށް މަސައްކަތް ކުރަމުން އައި ބައެކެވެ. ނަމަވެސް އެމީހުން މިހާރު ކުރާނެ އެއްވެސް މަސައްކަތެއް ނެތެވެ. ތޯލިބާނުން ވެރިކަމާ ހަވާލުވި ފަހުން ބޭރުގެ އެއްވެސް އެހީއެއް ނުލިބި އަދި ބޭރުން ލިބެން ޖެހޭ ފައިސާ ވެސް ހިފެހެއްޓިފައި ވުމުގެ ސަބަބުން އަފްގާނިސްތާން ބޮޑު އަނދަވަޅަކަށް ވެއްޓި މީހުންނަށް މުސާރަ ދޭނެ ފައިސާވެސް ގައުމަކު ނެތެވެ.
އަފްގާނިސްތާނުގެ ގިނަ ހިސާބުތަކުގައި ދިރިއުޅެމުން އަންނަ މީހުން އެމީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ނުރައްކާތެރި އެތައް ކަމެއް ކުރަން ވަނީ މަޖުބޫރު ވެފައެވެ.
އުމުރުން 20 އަހަރުގެ ޒުވާން ފިރިހެނަކު އޭނާގެ ކިޑްނީ ވިއްކާލީ އޭނާގެ އާއިލާއަށް ބޭނުންވާ ކާބޯތަކެތި ހޯދުމަށާއި އެހެން މީހުންގެ އަތުން ނަގާފައިވާ ދަރަނި ދެއްކުމަށެވެ. އޭނާ ކިޑްނީ ވިއްކާލީ 3100 ޑޮލަރަށެވެ. އޭނާ ބުނިގޮތުގައި އެ އާއިލާ، އެއްރޭ ކައިފިއްޔާ އަނެއް ރޭ ނިދަން ޖެހެނީ ނުކައެވެ.
މީގެ އިތުރުން ޒުވާން މަންމައަކު އޭނާގެ އާއިލީ ދަރަނިތައް އަދާކޮށް އަދި އާމްދަނީ ހޯދުމަށް ބަކަރި ގަތުމަށް އޭނާގެ 1 ކިޑްނީ މީގެ 7 މަސް ކުރިން ވިއްކާލިއެވެ. ނަމަވެސް ލިބުނު 240،000 އަފްގާން ފައިސާ ނުވަތަ 2100 ޑޮލަރުން ދެކޮޅުވެސް ނުޖެހުނު ކަމަށް ބުންޏެވެ. އަދި ގަތް ބަކަރިތައް، އެހިސާބުގައި ފެން ބޮޑުވުމުގެ ސަބަބުން މަރުވެ އެއިން ވެސް އެއްވެސް ފައިދާއެއް ނުކުރިއެވެ. މީހެއްގެ އަތުން ނަގާފައިވާ ދަރަނި ނުދެއްކުމުގެ ސަބަބުން އެމީހާގެ ފުރައްސާރައާ އަބަދު ކުރިމަތި ލާންޖެހޭ ކަމަށާއި އަދި އެ ދަރަނީގެ ބަދަލުގައި އޭނާގެ 2 އަހަރުގެ އަންހެން ދަރިފުޅު އެމީހާއަށް ވިއްކާލަން މަޖުބޫރުވެފައިވާ ކަމަށް ވެސް އަންހެން މީހާ ބުނެފައި ވެއެވެ.
"އަހަރުމެންގެ ހާލަތަށް ވަރަށް ލަދުވެތިވަން. މިހެން ދިރިއުޅުމަށް ވުރެ މާ ރަނގަޅު މަރުވިޔަސް" އަންހެން މީހާގެ ފިރިމީހާ ބުންޏެވެ.
މީނާ ނޫނަސް އެތައް ބަޔަކު އެމީހުންގެ އަންހެން ދަރިން ވިއްކާލާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
އެކަކު ބުނި ގޮތުގައި އޭނާގެ 5 އަހަރުގެ އަންހެން ދަރިފުޅު ވިއްކާލަން ޖެހުނީ އެންމެ 100،000 އަފްގާނީ އަށެވެ. މިއީ ކިޑްނީ އެއް ވިއްކާލެވޭ އަގުގެ ދެބައިކުޅަ އެއްބައި ކަމުގައި ވެސް ބުންޏެވެ. މިވާހަކަ ބުނި އިރު އޭނާއަށް ގިސްލާ ރޮވުނެވެ.
އެހިސާބުގެ އިސް މީހެއް ކަމުގައިވާ އަބްދުލް ޣައްފާރު ބުނި ގޮތުގައި މިއީ އިސްލާމްދީނާ ހިލާފު ކަމެއް ކަން އެމީހުންނަށް އެނގެއެވެ. އަދި ވިއްކާލެވޭ އަންހެން ދަރީންގެ ދިރިއުޅުން މި ވައްޓާލެވެނީ ނުރައްކަލުގެ ތެރެއަށް ކަންވެސް އެނގެއެވެ. ނަމަވެސް ހާލަތު ހުރި ގޮތުން އެމީހުންނަށް އިތުރު ގޮތެއް ނެތްކަމަށް ބުންޏެވެ.
4 އަހަރުގެ ތުއްތު ނާޒިޔާއަކީ ހަލަނި، އަދި މަޖާ މިޒާޖެއްގެ ކުއްޖެކެވެ. ނަމަވެސް ނާޒިޔާގެ ބައްޕަ ހަޒްރަތުއްލޯ ބުނިގޮތުގައި ޒަރޫރީ ބޭނުންތަކާއި ކެއުން ބުއިން ހަމަޖައްސަން އެމީހުންނަށް ވަނީ ނާޒިޔާ ވިއްކާލަން މަޖުބޫރު ވެފައެވެ. ނާޒިޔާ ވިއްކާލުމަށް ހަމަޖެހިފައި ވަނީ ކަންދަހާރުގެ ދެކުނު ޕްރޮވިންސެއްގައި ދިރިއުޅޭ ކުއްޖަކާ ކައިވެނި ކުރުވުމަށެވެ. އަދި އުމުރުން 14 އަހަރު ވުމުން ނާޒިޔާ ފޮނުވާލެވޭނެ ކަމަށާއި މިހާރު ދެފަހަރު މަތިން ފައިސާ ލިބިފައިވާ ކަމަށެވެ.
"އަހަރެން އެލާރިން ގަންނަނީ ކާއެއްޗެއްސާއި ކުޑަދަރިފުޅަށް ބޭސް ފަދަ ތަކެތި. ދަރިފުޅު ވަނީ ބަނޑުހައިހޫނު ކަމުގައި ވަރަށް ބޮޑަށް ބަލިވެފައި"
އެނދުމަތީގައި އޮތް 18 މަހުގެ ތުއްތު ދަރިފުޅުގެ ހެނދުން ހިއްލާލުމަށް ފަހު ގޭހުން ފުފިފައިވާ ބަނޑު ބީބީސީގެ ނޫސްވެރިންނަށް ދައްކާލަމުން އޭނާ ބުންޏެވެ.
ކާރިސާތަކުގެ ސަބަބުން އެކި ގައުމުތަކުގައި ހާލުގައި ޖެހޭ މީހުންނަށް ހިލޭ ސާބަހަށް ސިއްހީ ކުއްލި އެހީ އަދި ފަރުވާ ފޯރުކޮށްދޭ ޖަމްއިއްޔާއެއް ކަމުގައިވާ "ޑޮކްޓާސް ވިތައުޓް ބޯޑާސް" އިން ހާމަކޮށްފައިވާ ގޮތުގައި އަފްގާނިސްތާނުގައި މިދިޔަ އަހަރަށް ވުރެ މިއަހަރު ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ބަލިވެ އެނދުމަތި ކުރަން ޖެހުނު ކުދިންގެ އަދަދު 47 ޕަސެންޓަށް ވަނީ އިތުރު ވެފައެވެ.
ޑޮކްޓާސް ވިތައުޓް ބޯޑާސްގެ ވޮލަންޓިއަރުން ދުނިޔޭގެ 70 ވަރަކަށް ގައުމުގައި ހަރަކާތްތެރި ވެއެވެ.
ބަނޑުހައިހޫނު ކަމުން އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން ތޯލިބާންގެ ފަރާތުން އެ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނާ ސުވާލުކުރުމުން ބުނެފައި ވަނީ މިކަމަކީ ގައުމުތަކުން އަފްގާނިސްތާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެމީހުންގެ މުދާ އަދި ފައިސާ ހިފެހެއްޓުމުގެ ނަތީޖާ ކަމަށާއި، ހާލުގައި ޖެހިފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ގިނަ މީހުން އެހީ ހޯދުމުގެ ނިޔަތުގައި ހާލަތު އޮޅުވާލައި ދޮގުހަދާ ކަމަށް އޭނާ ވިދާޅުވެއެވެ.
ނަމަވެސް އެ ސަރަހައްދުގެ މީހުންގެ ހާލު، އެމީހުންނަށް މާ ރީއްޗަށް ވެސް ފެނިފައިވާ ކަމުގައި ބީބީސީ ރިޕޯޓަރުން ބުނެއެވެ.
ހެރާތުގެ މީހުން ބުނި ގޮތުގައި އެމީހުންނަށް އިހުސާސް ވަނީ އެމީހުންނަކީ ތޯލިބާން ސަރުކާރުން އަދި ބައިނަލްއަގްވާމީ މުޖްތަމައުންވެސް އަޅާނުލާ އެއްލާލާފައިވާ ބައެއްގެ ގޮތުގައެވެ.
އިންޑިޔާއިން ވަގައް ޑޮލަރު ނަގައިގެން މުސްލިމުންގެ އަގުވައްޓާލަން އުޅުނަސް އެކަމެއްނުވާނެ. އިންޝާﷲ