އެއްޖިންސުން ގުޅުން ހިންގުމާއި ޖީންސް ބަދަލުކުރުމާއި ބައިސެކްޝުއަލް ނުވަތަ ޖިންސީ ގުޅުން ހިންގުމުގައި ކޮންމެ ޖީންސެއް ވަރިހަމަވާ، އެލްޖީބީޓީ ޕްރޮމޯޓު ކުރުން މަނާ ކުރާ ބިލެއް ރަޝިއާގައި ފާސްކޮށްފިއެވެ.

އިދާރާތަކުން ބުނާ ގޮތުގައި ޒުވާނުންގެ މެދުގައި އެލްޖީބީޓީއަށް ހިތްވަރުދޭން ޕްރޮޕެގެންޑާ ފަތުރާނަމަ އެ ކުށުގެ ޖޫރިމަނާވެސް ވަނީ ބޮޑު ކޮށްފައެވެ. އެގޮތުން އަލަށް ފާސްކުރި އިސްލާހުގެ ދަށުން 6554 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެއެވެ. ކުންފުނިތަކާއި އިދާރާތަކުން އެލްޖީބީޓީ ޕްރޮމޯޓު ކުރާނަމަ 83،131 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރާނެއެވެ.

މިއީ ރަޝިއާގެ ރައްޔިތުންނާއި ކުންފުނިތަކާއި އިދާރާތަކަށް އޮތް ހުކުމް ނަމަވެސް، ރަޝިއާއިން ބޭރު މީހަކު، އެގައުމުގައި އެލްޖީބީޓީ ޕްރޮމޯޓް ކޮށްފި ނަމަ 15 ދުވަހަށް ޖަލަށް ލުން ނުވަތަ ޑީޕޯޓް ކުރުން ހިމެނެއެވެ.

އަލަށް މި ފާސްކުރި އިސްލާހަކީ 2013 ވަނަ އަހަރުން ސުރެ އޮންނަ ގާނޫނަށް ގެނައި އިސްލާހެކެވެ. މި އިސްލާހުގައި ވާ ގޮތުން، އާންމުންގެ ތެރޭގައި އެލްޖީބީޓީ އަށް ހިތްވަރު ދިނުމާއި އެލްޖީބީޓީ ޕްރޮމޯޓް ވާ ޒާތުގެ ކަމެއް، ބޮޑު މީހަކު ކުރުމަކީވެސް މަނާ ކަމެކެވެ.

މި އިސްލާހު ކުރިއަށް އޮތް ހަފްތާގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ތަސްދީގު ކުރައްވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި އެލްޖީބީޓީ އަކީ ބަލައިގަންނަ ކަމެއް ނޫނެވެ. އިސްލާމީ ގައުމުތަކެކޭ އެއްފަދައިން މަސްހުނި ދީންތައް އޮންނަ އެފްރިކާގެ ބައެއް ގައުމުތަކުގައިވެސް މިކަން ބަލައެއް ނުގަނެއެވެ. އަދި އެއީ ބޮޑު ކުށަކަށް ހަދާ އުމުރަށް ޖަލަށްވެސް ލައެވެ.

އީރާނުގެ ގާނޫނުތައް ބުނާ ގޮތުން، އެއްޖިންސުން ގުޅުން ހިންގުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން ދުއްރައިން ތެޅުމާއި އުމުރަށް ޖަލަށް ލުން ހިމެނެއެވެ.

އެލްޖީބީޓީ ޕްރޮމޯޓު ކުރާ މީހުން އެންމެ ގިނައީ އެމެރިކާއާއި ޔޫރަޕްގައެވެ. އެ ގްރޫޕުގެ މީހުން ގަބޫލު ކުރާ ގޮތުން، މި ދުނިޔެމަތީގައި އެމީހަކު ބޭނުން ގޮތަކަށް މިނިވަން ކަމާއެކު ބޭނުން ކަމެއް ކޮށް އުޅެވެން ޖެހެއެވެ. ނަމަވެސް ﷲ ދެ ޖިންސު ވަކިން އިންސާނުން އުފެއްދެވީ ސަބަބަކަށްޓަކައި ކަމާއި، އެ ސަބަބާ ދުރަށް، މާއްދިއްޔަތަށް ދިޔުމަކީ ދުނިޔެ ފަސާދަ ކުރުން ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.