ޝަރީއަތް ކުރެވެމުންދާ މައްސަލައެއްގެ ހުކުމާ ހަމައަށް ގޮސް، ހުކުމްކުރުމުގެ މަޖިލިސް ބާއްވާފައި ނުވާތީ، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބުގެ މައްސަލަ އެއް ޖޭއެސްސީން ބަލަން ފަށައިފިއެވެ.

ޖޭއެސްސީން ބުނީ، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު ޝަރީއަތް ކުރައްވަމުންދާ މައްސަލައެއްގެ ހުލާސާ ބަޔާން ހުށަހަޅައި، އެ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ނިމިފައި ކަމަށެވެ.

އެއީ ކޮން މައްސަލައެއް ކަން ހާމަކޮށްފައި ނުވި ނަމަވެސް، ބަޔާނުގައި ޖޭއެސްސީން ބުނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން އެ މައްސަލައިގައި ހުކުމްކުރުމުގެ މަޖިލިސް ބާއްވާފައެއް ނުވެއެވެ.

އެހެންކަމުން، ގާޒީ ސޮފްވަތުގެ ސުލޫކީ މައްސަލަ އެއް ބަލަން، އެ ކޮމިޝަނުގެ "މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާފައިވާ" ކޮމިޓީން ނިންމާފައިވާތީ، މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި އެ މައްސަލަ ތަހްގީގުކުރުމަށް ކޮމިޓީ އެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.