ފީފާ ވޯލްޑްކަޕް 2022 ގެ ގްރޫޕް ޑީގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއިން ފަހަތުން އަރާ 4 ލަނޑު ޖަހާ އޮސްޓްރޭލިޔާ ބަލިކޮށްފިއެވެ.

ފްރާންސްއިން ފަހަތުން އަރަން ޖެހުނީ ހީކުރި ގޮތާ ހިލާފަށް މެޗުގެ 9 ވަނަ މިނެޓްގައި ލަނޑެއް ޖަހާ އޮސްޓްރޭލިޔާއިން ކުރި ނެގުމުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ގްރެއިގް ގުޑްވިންއެވެ.

އޮސްޓްރޭލިޔާގެ ލަނޑު ޖެހީ ގްރެއިންގް ގުޑްވިން/ފޮޓޯ: ފީފާ ޓުވިޓާ

އެހެން ނަމަވެސް މެޗުގެ 27 ވަނަ މިނެޓްގައި ފްރާންސްއިން ވަނީ ލަނޑު ޖަހާ ސްކޯ ހަމަ ހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑްރިއަން ރެބިއޯއެެވެ.

މެޗުގައި ދެން ވެސް ލަނޑު ޖެހީ ފްރާންސުންނެވެ. މިގޮތުން ރެބިއޯގެ ހުރަހަކުން ފްރާންސްއަށް ލީޑު ނަގާ ދިނީ އޮލިވިއޭ ޖިރޫއެވެ. ފްރާންސްގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އުސްމާން ޑެމްބެލޭގެ ހުރަހަކުން ކިލިއަން އެމްބާޕޭއެވެ.

ފްރާންސްގެ ޖިރޫ މިވަނީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާ ދިން އެއް ކުޅުންތެރިޔާއަށް/ފޮޓޯ: ފީފާ ޓުވިޓާ

އަދި ހަތަރު ވަނަ ލަނޑު ޖަހާ ދިނީ އެމްބާޕޭގެ ހުރަހަކުން ޖިރޫއެވެ. މިލަނޑާއެކު ޖިރޫ މިވަނީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާ ދިން އެއް ކުޅުންތެރިޔާއަށް ވެފައެވެ. މިގޮތުން އޭނާ ގައުމީ ޓީމަށް 51 ލަނޑު ޖަހާ ދީފައިވާ އިރު މި ރިކޯޑް މިހާރު އޮންނަނީ ކުރީގެ ފޯވަޑް ތިއަރީ އޮންރީ އަތުގައެވެ.

އޮސްޓްރޭލިޔާގެ މައްޗަށް ހޯދި މި ކާމިޔާބީއާއެކު ފްރާންސް މިވަނީ ގްރޫޕްގެ އެއްވަނައަށް ޖެހިލާފައެވެ. އެގްރޫޕްގައި ދެން އޮތް ޑެންމާކް އަދި ޓޫނީޝިއާއިން އިއްޔެ ކުޅުނު މެޗު 0-0 އަކުން އެއްވަރުވުމުން ދެ ޓީމަށް ޕޮއިންޓެއް ލިބިފައިވާ އިރު އޮސްޓްރޭލިޔާ އޮތް ގްރޫޕްގެ އެންމެ ފުލުގައެވެ.