އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ ގޮނޑިއަށް ރާއްޖެއިން ވާދަކުރުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖެއިން ވާދަކުރުމަށް ނިންމާފައި ވަނީ 2033 ވަނަ އަހަރުން 2034 ވަނަ އަހަރަށް ހިންގާ އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށާއި 2027 ވަނަ އަހަރުން 2028 ވަނަ އަހަރަށް ހިންގާ، ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ ގޮނޑިއަށް ކަަމަށެވެ.

އ.ދ.ގެ ސަލާމަތީ މަޖިލީހުގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގްވާމީ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމެވެ. އަދި އ.ދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މައިގަނޑު މަގްސަދަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެ އިންތިހާބުތައް ރާއްޖެއިން ކާމިޔާބު ކޮށްފި ނަމަ، އެއީ މި މަގާމުތަކަށް ރާއްޖެ އިންތިހާބުވާ ފުރަތަމަ ފަހަރަށް ވާނެއެވެ.

ރާއްޖޭން ވަނީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ވެސް ފުރާފައެވެ. އެއީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ މަގާމު ދިވެއްސަކު ފުރުއްވި ފުރަތަމަ ފަހަރެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލިހުގެ ރައީސްކަމުގެ މަގާމު ފުރުއްވާފައި ވަނީ 2021 ޖޫން މަހުން ފެށިގެން 2022 ޖޫން މަހާ ހަމައަށެވެ.