ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހު އަޑުއެހުން އަންނަ ހަފުތާގައި ބާއްވަން ނިންމައިފިއެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާ މިއަދު ކްރިމިނަލް ކޯޓުން ނިންމާފައެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން، އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، އެ މައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން އަންނަ ހަފުތާގެ ބުދަ ދުވަހު އޮންނާނެ ކަމަށެވެ.

އެއަށްފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ އޮންނާނީ ހުކުމް އިއްވުން ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

މިމައްސަލާގައި މިހާތަނަށް ދިފާއީ ހެކިންގެ ގޮތުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް އާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް އާއި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އަދި ޔާމީންގެ ޑްރައިވަރު ރަޝީދުގެ ހެކިބަސް ވަނީ ނަގާފައެވެ.

މިދިޔަ މަހު 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވަނީ، ޔާމީން ހަވާލުކުރެއްވި ފައިސާ، ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ހަވާލުކުރެއްވުމަށް އޭނާ އާ އެކު އަބްދުﷲ ރަޝީދު ދިޔަ ކަމަށް ހެކިބަސް ދީފައެވެ. އެދުވަހުގެ އަޑުއެހުމުގައި އެކަމަށް އެއްބަސްވެ، އަބްދުﷲ ރަޝީދު ބުނީ، ޔާމީން އޭރު ދިރިއުޅުއްވި ގ. ދޫވެއްސަށް ދިޔައިރު، އެ ގޭގެ ސިޓިން ރޫމުގައި ބަހައްޓާފައި ހުރި ދެ ދަބަހެއްގައި އެ ފައިސާ ހުރިކަމަށެވެ.

އޭނާ ބުނި ގޮތުގައި، އޭނާ އަކީ ޔާމީން ހަވާލުކުރެއްވި އެއް މިލިއަން ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި މީހުންގެ ތެރެއިން އެކަކެވެ. އެ ފައިސާ ހަވާލުކުރުމުން، ފައިސާ ލިބުނު ކަމުގެ ލިޔުމުގައި ޔޫސުފް ނައީމް ވަގުތުން ސޮއިކުރެއްވި ކަމަށެވެ. އެ ފައިސާ ހަވާލުކުރީ ކަޅު ދަބަހެއްގައި ކަމަށާއި، އެ ފައިސާ އުފުލީ ނަރީޝް އާ އެއްކޮށް ކަމަށް ވެސް އަބްދުﷲ ބުންޏެވެ.

ޔާމީން ޑޮލަރު ބައްލަވައިގަންނަން ޔޫސުފް ނައީމާ މުއާމަލާތްކުރެއްވި ކަން ސާބިތުކޮށްދޭން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ވެސް ވަނީ ހެކިބަސް ދީފައެވެ.

ޝަރީއަތުގައި ޔޫސުފް ނައީމް ވިދާޅުވެފައި ވަނީ ޔާމީނަށް އެއް މިލިއަން ޑޮލަރު ވިއްކި ކަމަށެވެ. އަދި ދިފާއުން ހުށަހެޅި ހެކިތަކަށް ބަލާއިރު، ޝާހިދު ވިދާޅުވެފައި ވަނީ ޑޮލަރު ވިއްކާނެ މީހަކު ހޯދަން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލަށް ޔާމީން 2015 ވަނަ އަހަރު ގުޅުއްވި ކަމަށެވެ. އެގޮތަށް ޔާމީން އެދިވަޑައިގަތުމުން އޭނާ ހުންނެވި ތަނެއްގައި ޔޫސުފް ނައީމަށް މުހައްމަދު އިސްމާއިލް ގުޅުއްވި ކަމަށާއި އަދި ޑޮލަރު ވިއްކަން އެދުނު ކަމަށެވެ. ނަމަވެސް ޑޮލަރުގެ މުއާމަލާތް ހިނގި ތާރީހު ނޭނގޭ ކަމަށާއި އެކަމަކު އެއީ 2015 ވަނަ އަހަރުގެ ފަހުކޮޅު ހިނގި ކަމެއް ކަމަށް ޝާހިދު ވިދާޅުވެފައި ވެއެވެ.

ޝަހިދު މިހެން ވިދާޅުވެފައިވާ އިރު، މުހައްމަދު އިސްމާއިލް ވެސް ހެކިބަސް ދެމުން ވިދާޅުވެފައި ވަނީ ޔޫސުފް ނައީމަށް ގުޅައިގެން ޑޮލަރު ވިއްކަން އެދިވަޑައިގެންފައި ވާނެ ކަމަށެވެ.