ރާއްޖެ ބަނގުރޫޓުވުމާ ގާތަށް ދާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްދު ދެއްވައިފިއެވެ.

ސައި ގަޑިއަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ، ދައުލަތުގެ ރިޒާވާ މެދު އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވަނީ، ސްރީލަންކާގެ ސަރުކާރާއި ގާނާގެ ސަރުކާރާ އެކީ ދާދިފަހުން މަސައްކަތް ކުރެއްވިއިރު، އެ ދެ ގައުމު ވެސް ބަނގުރޫޓުވުމާ ހިސާބަށް ގޮސްފައިވާ މަންޒަރު ފެނިވަޑައިގެންފައިވާތީ ކަމަށެވެ.

އެ މަގަށް ރާއްޖެ ވެސް ދާކަމަށް ވިދާޅުވެ، އެ ހާލަތުގައި މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވައިފި ނަމަ، އެއީ ލަދުވެތިވެވަޑައިގަންނަވަން ޖެހޭ ކަމެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ.

"އެހެންވީމާ އެއްގޮތަކަށް ވެސް، އެއްގޮތަކަށް ވެސް އެ މަގަށް އަޅުގަނޑުމެން ދިޔަ ދީގެން ނުވާނެ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކަފުޅަށް ރައްދުދެއްވައި މެންދުރުފަހު ކުރެއްވި ޓްވީޓެއްގައި އަމީރު ސިފަކުރެއްވި ގޮތުގައި، ނަޝީދު އެފަދައިން ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ރަޝިއާ-ޔޫކްރައިން ހަނގުރާމައިގައި ދިމާވި ހާލަތުގައި ހޯދާފައިވާ ކުރިއެރުންތައް ކިލަނބުކޮށްލައި، ސިޔާސީ މަގްސަދެއް ހާސިލްކުރެއްވުމުގެ ބޭނުމުގައެވެ.

އަމީރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސޯދާއި މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަދިވެސް ގޮންޖެހުންތަކާއި ދަތިތައް އެބަހުއްޓެވެ. ނަމަވެސް، އެ ގޮންޖެހުންތައް ގިރާކޮށް ކުރިއަށް ދިއުމަށްޓަކައި ސަރުކާރުން ފިޔަވަޅު އަޅަމުންދާ ކަމަށް ވިދާޅުވެ، ސަރުކާރުގެ މާލީ ތަފާސްހިސާބުތައް ހުރީ ހާމަޔަށް ފެންނަން ކަމުގައި ވެސް ވިދާޅުވިއެވެ.

ދައުލަތް ބަނގުރޫޓުވުމުގެ މަގަށް ދާ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، ދައުލަތުގެ ފޮރިން ރިޒާވްގައި ބޭރު ފައިސާ މަދުން ހުރި ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ނަމަވެސް ނަޝީދާއި، މިފަހުން ފާސްކުރި ޓެކްސް ބިލް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވި މެންބަރުންނަށް ރައްދު ދެއްވައި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވި ގޮތުގައި، ޓެކްސް ބިލާ ދެކޮޅު މެންބަރުން ރާއްޖޭގެ ރިޒާވް އިތުރުކުރަން ބޭނުމެއް ނުވެއެވެ.

"އިއްޒަތްތެރި ރައީސް، ދަރަނީގެ ފައިސާގެ ވާހަކަ ދެއްކިދާނެ، ބޭރު ފައިސާ ނެތް ވާހަކަ ވެސް ދެއްކިދާނެ، ޖީއެސްޓީ އާއި ޓީޖީއެސްޓީ އަށް ހާއްސަކޮށް ގެނައި ބަދަލާ ދެކޮޅު ބޭފުޅުން ބޭނުންފުޅެއް ނުވޭ ދިވެހިރާއްޖޭގެ ރިޒާވް އިތުރުކުރާކަށް، އެހެންވެ އެ ބޭފުޅުން އެގޮތަށް އެ ވާހަކަ ދައްކަވަނީ." ޝަރީފް ވިދާޅުވިއެވެ.

އޭނާ ލަފާކުރައްވާ ގޮތުގައި ޓެކްސް ބޮޑުކުރުމަށް ނިންމުމުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ދައުލަތުގެ ފޮރިން ރިޒާވް 606 މިލިއަން ޑޮލަރަށް އިތުރުވެގެން ދާނެއެވެ.