ގަތަރުގައި ބާއްވާ ފީފާ ވޯލްޑްކަޕް 2022 ފަށައިގެން ކުރިއަށްދާ އިރު ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި މުބާރާތުގައި ކުޅޭ 32 ގައުމުން ތިން މެޗު ކުޅެނޭއެވެ. ފުރަތަމަ ބުރުގެ މެޗުތައް 8 ގްރޫޕަކަށް ބަހާލައިގެން ކުޅޭ އިރު މިމެޗުތަކުގެ ތެރޭގައި ވަރުގަދަ އަދި ފޯރިގަދަ މެޗުތައް ވެސް އެބަހުއްޓެވެ. މިބަލާލަނީ ގަތަރު 2022 ގެ ގްރޫޕް ސްޓޭޖްގައި އެންމެ ފޯރިގަދަވާނެ 5 މެޗަށެވެ.

ފްރާންސް-ޑެންމާކް

ވޯލްޑްކަޕްގެ ގްރޫޕް ޑީގައި ހިމެނޭ ފްރާންސްއާއި ޑެންމާކްއަކީ މި ގްރޫޕް ފަހަނައަޅާ ދެވަނަ ބުރަ ދާނެ ކަމަށް ޕަންޑިޓުން ބުރަވާ ދެޓީމެވެ. އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގައި ޒުވާން އަދި ތަޖުރިބާކާރުން ކުޅުންތެރިން ހިމެނޭ އިރު މުބާރާތުގެ ކުރިން ބޭއްވި ތަމްރީނުތަކުގައި އެގައުމުގެ މުހިންމު ދެ ކުޅުންތެރިއަކު މިވަނީ ސްކޮޑުން ވަކިވެފައެވެ. މީގެ ތެރޭގައި ގައުމީ ޓީމަށް 37 ލަނޑު ޖަހާ ދީފައިވާ ރިއަލްގެ ފޯވަޑް ކަރީމް ބެންޒީމާގެ އިތުރުން ޖާމަނީ އަރްބީ ލައިޕްޒެގްއަށް ކުޅޭ ކްރިސްޓޮފާ އެންކުއްކޫ ހިމެނެއެވެ. މިދެ ކުޅުންތެރިންނާއި ނުލާ ވެސް ފްރާންސްގެ ޓީމުގައި ތަރިން މަދު ނޫން އިރު މެދު ތެރޭއިން ކުޅޭ ޕޯލް ޕޮގްބާގެ އިތުރުން 2018 ވަނަ އަހަރުގެ މުބާރާތުގައި ވިދާލި އެންގޯލޯ ކާންޓޭ ވެސް ތިބީ އިންޖަރީގައެވެ.

ބެންޒީމާ އަނިޔާވެފައިވަނީ ފަރިތަކުރުންތަކުގައި/ފޮޓޯޯ: ލެމޯންޑް

ޑެންމާކަށް ބަލާ އިރު 2021 ވަނަ އަހަރު ބޭއްވި ޔޫރޯ މުބާރާތުގައި އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާ ސެމީއާއި ހިސާބަށް ދަތުރުކޮށްފައެވެ. މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ޓީމުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއަން އެރިކްސަން ހާޓް އެޓޭކެއް ޖެހިގެން ދަނޑު މައްޗަށް ވެއްޓުނު އިރު މީޑިއާގެ ފޯކަސް މިކަމަށް ހުއްޓުނު ނަމަވެސް މުބާރާތުގައި ޑެންމާކުން ދެއްކީ ހިތްވަރުގަދަ އަދި ބަލާ ހިތްވާ ކަހަލަ ކުޅުމެކެވެ. ގަތަރު 2022 ގައި އެރިކްސަން ފެނިގެންދާނެ އިރު މިމުބާރާތުގައި ވެސް ޑެންމާކުން މޮޅު ކުޅުމެއް ދައްކާނެ ކަމަށް ބެލެވެއެވެ.

ޑެންމާކްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

ފްރާންސްއާއި ޑެންމާކް މީގެ ކުރިން 9 ފަހަރެއްގެ މަތިން ވާދަކޮށްފައިވާ އިރު މީގެ ތެރެއިން 5 މެޗު ކާމިޔާބުކުރީ ފްރާންސުންނެވެ. ތިން މެދު ޑެންމާކުން ކާމިޔާބުކުރި އިރު 1 މެޗު ނިމުނީ އެއްވަރުވެގެންނެވެ. މިދެޓީމު އެންމެ ފަހުން ކުޅުނީ ޔޫއެފްއާ ނޭޝަންސް ލީގުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެ މެޗު 2-0 އަކުން ކާމިޔާބުކުރީ ޑެންމާކެވެ.

ވޯލްޑްކަޕްގެ ގްރޫޕް ޑީގައި ފްރާންސްއާއި ޑެންމާކް ބައްދަލުކުރާ މެޗު އޮންނާނީ މިމަހުގެ 26 ވަނަ ދުވަހު ރާއްޖޭ ގަޑިން ރޭގަނޑު ނުވައެއް ޖަހާ އިރުއެވެ.

ބްރެޒިލް-ސުވިޓްޒަލޭންޑް

ބްރެޒިލްއަކީ މިއަހަރުގެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ބުނަމުން އަންނަ ގައުމެވެ. ދުނިޔޭގެ ބޮޑެތި ކްލަބްތަކުގެ ފޯވަޑް ލައިންގައި ހިމެނޭ މުހިންމު ކުޅުންތެރިންނާއި އެކު ބްރެޒިލް ގަތަރަށް ގޮސްފައިވާ އިރު އެޓީމުގެ ޑިފެންސްގައި ތިބީ ދުވަސްވީ އެހެން ނަމަވެސް ތަޖުރިބާކާރު ކުޅުންތެރިންނެވެ. ވޯލްޑްކަޕްގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ ބްރެޒިލްއަށް ފާއިތުވި ދެ މުބާރާތުގައި މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެހެން ނަމަވެސް މިހާތަނަށް ގްރޫޕް ސްޓޭޖްގެ އެއްވެސް މެޗަކުން ބަލިވެފައި ނުވާ ބްރެޒިލް މިފަހަރު ވެސް ބަލާނީ މި ރިކޯޑް ހިފެހެއްޓޭތޯއެވެ.

ބްރެޒިލްގެ ފޯވަޑް ލައިން އޮތީ ވަރަށް ރަނގަޅު ފޯމެއްގައި/ފޮޓޯ: ގޫގަލް

ވޯލްޑްކަޕްގައި ސުވިޓްޒަލޭންޑްގެ ރިކޯޑް ރަނގަޅެވެ. އެގައުމުން އެންމެ ފަހުން ކުޅުނު ހަތަރު ވޯލްޑްކަޕްގައި ވެސް ނޮކްއައުޓް ސްޓޭޖަށް ދަތުރުކޮށްފައިވާ އިރު ޔޫރަޕްގައި މި ރިކޯޑް ދެން އޮތީ ފްރާންސް އަދި ބެލްޖިއަމްގެ އަތުގައެވެ. އަދި މިފަހަރުގެ މުބާރާތުގައި ވެސް މި ގްރޫޕުން ބްރެޒިލްއާއެކު ދެވަނަ ބުރަށް ދާނީ ސުވިޓްޒަލޭންޑް ކަމަށް ބެލެވެއެވެ. ދެން ގްރޫޕް ޖީގައި އޮތީ ކެމަރޫންއާއި ސާބިއާއެވެ.

ސުވިޓްޒަލޭންޑް ޔޫރޯގައި ހީ ނުކުރާ ފަދަ ކުޅުމެއް ދެއްކ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މިދެ ޓީމުން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ވާދަކޮށްފައިވާ އިރު އެއް ފަހަރު ބްރެޒިލް އަދި އެއް ފަހަރު ސުވިޓްޒަލޭންޑް މޮޅުވެފައިވެއެވެ. އަދި ބާކީ އޮތް މެޗުވީ އެއްވަރެވެ.

ވޯލްޑްކަޕްގެ ގްރޫޕް ޖީގައި ބްރެޒިލްއާއި ސުވިޓްޒަލޭންޑް ވާދަ ކުރާ މެޗު އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު ރާއްޖޭ ގަޑިން ރޭގަނޑު 9 ޖަހާ އިރުއެވެ.

އާޖެންޓީނާ-މެކްސިކޯ

މިއީ ދެކުނު އެމެރިކާއާއި އުތުރު އެމެރިކާގެ ކުރިމަތިލުމެކެވެ. ގަތަރު 2018 އަކީ އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީގެ ފަހު ވޯލްޑްކަޕަށް ވުމަކީ އެކަށިގެންވާ ކަމަކަށްވާ އިރު އެންމެ ފަހުގެ ކޮޕާ އެމެރިކާގެ ޗެމްޕިއަނުން ބޭނުންވާނީ މުބާރާތުގެ ދެވަނަ ބުރަށް ފަސޭހައިން ދިއުމަށެވެ. މުބާރާތުގެ ގްރޫޕްތަކަށް ޓީމުތައް ބަހާލީ އިރު އާޖެންޓީނާ މިލައްވާލީ އުނދަގޫވާނެ ދެ މެޗެއް ކުޅެން ޖެހޭ 'ފަސޭހަ' ގްރޫޕަކަށެވެ. ގްރޫޕް ސީގައި ދެން ހިމެނެނީ ސައުދީ، ޕޯލެންޑްގެ އިތުރުން މެކްސިކޯއެވެ.

އާޖެންޓީނާގެ ކެޕްޓަން އަދި ފޯވާޑް ލިއޯ މެސީ/ފޮޓޯ: ސްކައި ސްޕޯޓްސް

ސައުދީގެ ގެ މެޗު އާޖެންޓީނާއަށް ފަސޭހަވީ ނަމަވެސް ޕޯލެންޑް އަދި މެކްސިކޯގެ މެޗުތަކުން ނަތީޖާ ނެރެން އުނދަގޫވާނެއެވެ. ހާއްސަކޮށް ވޯލްޑްކަޕް މުބާރާތުގެ ތަޖުރިބާ އޮތް މެކްސިކޯ ކައިރިން މޮޅުވާން މަސައްކަތް ކުރަން ޖެހިދާނެއެވެ.

މި ގްރޫޕްގެ ދެވަނަ ހޯދާ ދެން އޮތް ބުރަށް ދާނެ ކަމަށް ގިނަ ބަޔަކު ލަފާ ކުރަނީ މެކްސިކޯއެވެ. މީގެ ކުރިން މެކްސިކޯއިން ކުޅުނު 8 ވޯލްޑްކަޕް މުބާރާތުގައި ވެސް އެޓީމުން ވަނީ މުބާރާތުގެ ދެވަނަ ބުރަށް ގޮސްފައެވެ. މެކްސިކޯއިން އެންމެ ފަހުން ދެވަނަ ބުރަށް ނުގޮސް ކެޓީ 1978 ވަނަ އަހަރެވެ.

އާޖެންޓީނާއާއި މެކްސިކޯ މީގެ ކުރިން 12 ފަހަރު ބައްދަލުކޮށްފައިވާ އިރު މީގެ ތެރެއިން 9 ފަހަރު މޮޅުވީ އާޖެންޓީނާއެވެ. މެކްސިކޯއަށް އާޖެންޓީނާ ބަލިކުރެވިފައިވަނީ އެންމެ ފަހަރަކުއެވެ. އަދި ދެ ފަހަރު ދެޓީމުން ކުޅުނު ދެމެޗުވީ އެއްވަރެވެ.

ވޯލްޑްކަޕް ގްރޫޕް ސީގެ މިމެޗު އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު ބާރަ ޖަހާ އިރުއެވެ.

ސްޕެއިން-ޖާމަނީ

މިއީ މިއަހަރުގެ ގްރޫޕް ސްޓޭޖްގެ އެންމެ ވަރުގަދަ ގްރޫޕްގެ އެންމެ ވަރުގަދަ މެޗަށްވާނެއެވެ. ޔޫރަޕްގެ ގަދަ ދެބާރު ގަތަރުގައި ބައްދަލުކުރާ އިރު ޖާމަނީ އޮންނާނީ 2008 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފައިނަލްގައި ސްޕެއިންގެ އަތުން ލިބުނު ހިތި ނަތީޖާއަށް ބަދަލު ހިފުމަށް ތައްޔާރަށެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕް މުބާރާތުގައި ޖާމަނީ އަށް ލިބުނު ނަކާމިޔާބީއަށް ފަހު 2022 ގެ މުބާރާތާ އެޓީމުން ކުރިމަތިލަނީ ވަރުގަދަ ސްކޮޑަކާއި އެކުއެވެ. ޒުވާން ސްކޮޑެއްގައި ކީޕަރު ނޯޔާ އަދި ފޯވަޑް ތޯމަސް މުލާ ފަދަ ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިންވެސް އެބަތިއްބެވެ. ޖާމަނީގެ އަމާޒަކަށްވާނީ ގްރޫޕް ސްޓޭޖްގެ ތިން މެޗުން ވެސް މޮޅުވެ ގްރޫޕްގެ 1 ވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިއުމެވެ.

ޖާމަނީ ގޯސެން ލަނޑެއް ޖަހަނީ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

ރަޝިޔާ 2018 އަކީ ސްޕެއިންއަށް ވެސް މާ ކާމިޔާބު މުބާރާތެއް ނޫނެވެ. މުބާރާތް ފެށެން ގާތްވެފައި ވަނިކޮށް ޓީމުގެ ކޯޗު އިސްތިއުފާ ދިނުމާއެކު ޓީމުގެ ތެރޭގައި ނުތަވަސްކަން އުފެދިގެން ދިޔައެވެ. ގްރޫޕް ސްޓޭޖްގައި ވެސް ސްޕެއިންއަށް މާމޮޅު ކުޅުމެއް ނުދެއްކުނު ނަމަވެސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރިކުރިއެވެ. އަދި ދެވަނަ ބުރުގައި މުބާރާތް ބޭއްވި ރަޝިޔާއަތުން ޕެނަލްޓީން ބަލިވެ ސްޕެއިން ކެޓި އިރު މި ފަހަރުގެ މުބާރާތަށް ސްޕެއިން ދަނީ ތައްޓަށް ވާދަ ކުރާނެ އެއްޓީމުގެ ގޮތުގައެވެ.

ސަބަބަކީ ކޯޗު ލުއިސް އެންރީކޭގެ ބެލުމުގެ ދަށުން ސްޕެއިންއިން ވަނީ އަނެއްކާވެސް ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ހަމަލާތައް އުފެއްދުމުގެ ކުޅުމަށް ބަދަލުވެފައެވެ. ސްޕެއިންގެ މިފަހަރުގެ ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑްގެ ޑޭވިޑް ޑި ހަޔާ އަދި ޕީއެސްޖީގެ ޑިފެންޑަރު ސާޖިއޯ ރާމޯސްއަށް ޖާގަ ނެތް އިރު އެގައުމުން ގަތަރަށް ގެންދަނީ ޒުވާން ސްކޮޑެކެވެ. މީގެ ތެރޭގައި ބާސާގެ ތިން ޒުވާން ކުޅުންތެރިން ކަމަށްވާ ޕެޑްރީ، (19 އަހަރު)، ގާވީ (19 އަހަރު) އަދި އަންސޫ ފަތީ (19 އަހަރު) ހިމެނެއެވެ.

ސްޕެއިންގެ ޒުވާން ކުޅުންތެރިން ކަމަށްވާ ގާވީ (މެދު) އަދި ޕެޑްރީ (ކ)/ފޮޓޯ: ފުޓްބޯލް އެސްޕަނިއާ

ސްޕެއިންއާއި ޖާމަނީ މީގެ ކުރިން 8 ފަހަރެއްގެ މަތިން ވާދަކޮށްފައިވާ އިރު ސްޕެއިންއިން ވަނީ މީގެ ތެރެއިން 4 މެޗު ކާމިޔާބުކޮށްފައެވެ. ޖާމަނީ އަށް ދެ މެޗު ކާމިޔާބުކުރެވުނު އިރު އަނެއް ދެމެޗު ވީ އެއްވަރެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކުރީ 2020 ވަނަ އަހަރު ޔޫއެފްއާ ނޭޝަންސް ލީގުގައެވެ. އެފަހަރު ސްޕެއިންއިން ވަނީ 6-0 ގެ ސްކޯލައިނަކުން ޖާމަނީ ލަދުގަންނަވާލާފައެވެ.

ގްރޫޕް އީގެ މި ފޯރިގަދަ މެޗު އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ރާއްޖެ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ.

ޕޯޗުގަލް-އުރުގުއޭ

ވޯލްޑްކަޕް ގްރޫޕް ސްޓޭޖްގައި ކުޅޭ ވަރުގަދަ އެހެން މެޗަކަށް ބަލާ އިރު ގްރޫޕް އެޗްގައި ޕޯޗުގަލް އަދި އުރުގުއޭ ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ. ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް މުޅި މީޑިއާހެން ފޯކަސް ކުރި ނަމަވެސް ޕޯޗުގަލްއަކީ މުބާރާތުގައި ވަރަށް ކުރިއަށްދާނެ ކަމަށް ޕަންޑިޓުން ބުނާ ޓީމެކެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ބްރޫނޯ ފަނާންޑޭޒް އަދި ސިޓީގެ ހައޮ ކޮންސެލޯ ފަދަ މޮޅު ކުޅުންތެރިން ޕޯޗުގަލްގެ ފުރަތަމަ 11 އިން ފެންނާނެ ކަމަށް ބެލެވޭ އިރު ޕޯޗުގަލްއިން ބޭނުންވާނީ ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިއުމަށެވެ. ސަބަބަކަށްވާނީ ދެވަނަ ބުރުގައި ގްރޫޕް އެޗްއިން ދެވަނަ އަށް ދާ ޓީމު ކުޅެން ޖެހޭނީ ގްރޫޕް ޖީގެ އެއްވަނަ ޓީމެވެ. ގްރޫޕް ޖީގައި އޮތީ ބްރެޒިލް، ސާބިއާ، ކެމަރޫން އަދި ސުވިޓްޒަލޭންޑެވެ.

ޕޯޗުގަލްގެ ރޮނާލްޑޯ ޔޫރޯ 2020 ގައި / ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

އެންމެ ފުރަތަމަ ބޭއްވި ވޯލްޑްކަޕް މުބާރާތުގެ ޗެމްޕިއަން އުރުގުއޭ ގަތަރު 2022 އަށް ދިޔައީ ވަރުގަދަ ސްކޮޑެއް ގޮވައިގެންނެވެ. މިގޮތުން، ލިވަޕޫލްއަށް ކުޅޭ ޑާވިން ނިއުނޭޒްގެ އިތުރުން އިންގްލޭންޑްގެ ޓޮޓެންހަމްއަށް ކުޅޭ ރޮޑްރީގޯ ބެންޓަކޫ ވެސް މީ މުބާރާތުގެ ކުރިން ވަރަށް ފޯމުގައި ތިބި ކުޅުންތެރިންނެވެ. ޕޯގުގަލާ ދެކޮޅަށް ކުޅޭ މެޗަކީ ގްރޫޕް ސްޓޭޖްގައި އުރުގުއޭ ކުޅޭނެ އެންމެ އުނދަގޫ މެޗަށްވާނެ އިރު އެގައުމުން ވެސް ބޭނުންވަނީ ދެވަނަ ބުރުގައި ބްރެޒިލް އަތު ނުޖެހި ކުއާޓާއަށް ދަތުރުކުރެވޭނެ ގޮތެއް ހޯދަންށެވެ.

އުރުގުއުއޭގެ ޓީމު ގަތަރަށް އަންނަނީ/ފޮޓޯ: ފީފާ ޓުވިޓާ

މީގެ ކުރިން މި ދެޓީމުން ކުޅެފައިވަނީ އެންމެ މެޗެކެވެ. އެ މެޗު ކާމިޔާބުކުރީ އުރުގުއާއީއެވެ.

ވޯލްޑްކަޕްގެ ގްރޫޕް އެޗްގައި މި ޓީމު ވާދަކުރާނީ މިމަހުގެ 28 ވަނަ ދުވަހު ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ.