ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާ ފައިސާ މަދު ކަމަށާއި، ދައުލަތުގެ ފޮރިން ރިޒާވްގައި ބޭރު ފައިސާ ހުރީ މަދުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން އެކުލަވާލި ބަޖެޓް ދިރާސާކޮށް ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓަށް މިއަދު ބަހުސްކުރަން ފަށާފައިވާއިރު، އިތުރު މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ، ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާ ފައިސާ މަދުވެފައިވާއިރު، މަޖިލިހުގައި އެކި ގޮތްގޮތަށް މެންބަރުން ވާހަކަ ދެއްކެވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ތަނުގައި ކުރިއަށް އޮތް ހަފްތާތަކުގައި، ކުރިއަށް އޮތް މަސްތަކުގައި އަޅުގަނޑުމެންގެ ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތީސް އަޅުގަނޑުމެން މި މަޖިލީހުގައި އެހެން ގޮތްތަކަކަށް ވާހަކަ ދައްކަމުން ގެންދިއުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލެވޭ ވަރަށް ބޮޑު އޮޅުވާލުމެއް."
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

މިއީ ރިޔާސަތުގައި އިންނަވައި އެމަނިކުފާނު ފާޅުކުރައްވަން ޖެހޭ ނުކުތާ އެއް ކަމަށް، ނަޝީދު ވިދާޅުވިއެވެ.

އެއަށްފަހު، ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް ފުރުސަތު ދެއްވުމުން ޝަރީފް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް އަމާޒު ހިފާފައިވާ ބަޖެޓެއްކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

މިފަހުން ފާސްކުރި ޓެކްސް ބޮޑުކުރުމާ ބެހޭ ބިލަށް ދެކޮޅު ހެއްދެވި މެންބަރުންނަށާއި ނަޝީދަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވާ ގޮތުގައި، ޓެކްސް ބިލާ ދެކޮޅު މެންބަރުން ރާއްޖޭގެ ރިޒާވް އިތުރުކުރަން ބޭނުމެއް ނުވެއެވެ.

"އިއްޒަތްތެރި ރައީސް، ދަރަނީގެ ފައިސާގެ ވާހަކަ ދެއްކިދާނެ، ބޭރު ފައިސާ ނެތް ވާހަކަ ވެސް ދެއްކިދާނެ، ޖީއެސްޓީ އާއި ޓީޖީއެސްޓީ އަށް ހާއްސަކޮށް ގެނައި ބަދަލާ ދެކޮޅު ބޭފުޅުން ބޭނުންފުޅެއް ނުވޭ ދިވެހިރާއްޖޭގެ ރިޒާވް އިތުރުކުރާކަށް، އެހެންވެ އެ ބޭފުޅުން އެގޮތަށް އެ ވާހަކަ ދައްކަވަނީ."
އިބްރާހީމް ޝަރީފް | މަރަދޫ ދާއިރާގެ މެންބަރު

އޭނާ ވިދާޅުވީ، ޓެކްސް ބޮޑުކުރުމަށް ނިންމުމުގެ ސަބަބުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ދައުލަތުގެ ރިޒާވަށް ފައިސާ އިތުރުވެގެން ދާނެ ކަމަށެވެ.

"މި ބަޖެޓުގަ ވާ ގޮތުން މި އަންނަ އަހަރު 606 މިލިއަން ޑޮލަރާ ހިސާބަށް އަރާނެ." ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ މެދު އެކި ކަންބޮޑުވުންތައް، ނަޝީދު ވަނީ ފާޅުކުރައްވައިފައެވެ. ނަޝީދުގެ ކަންބޮޑުވުންތަކުގެ ތެރޭގައި މި އަހަރުގެ ބަޖެޓަށް ވުރެ އިތުރަށް ހަރަދުވާނެ ކަމަށް ލަފާކޮށް ދައުލަތުން ޖަހާފައިވާ 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއި، ޓެކްސް ރޭޓު އިތުރުކުރުމާ މެދު ފާޅުކުރައްވާފައިވާ ކަންބޮޑުވުން ހިމެނެއެވެ.