މޯލްޑިވްސް މީޑިއާ ކައުންސިލް އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އިންތިޒާމްކުރި ފައިނޭންޝަލް ޖާނަލިޒަމް ވޯކްޝޮޕް ބާއްވައިފިއެވެ.

މެންހެޓަން ބިޒްނަސް ހޮޓެލްގައި ބެއްވި މި ވޯކްޝޮޕަކީ 5 ސެޝަނަކަށް ބަހާލައިގެން ބޭއްވި ވޯކްޝޮޕެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ، މި ވޯކްޝޮޕްގައި އިގްތިސާދުގައި ބޭންކުތަކުން އަދާ ކުރާ ދައުރާއި، ލޯނު ދޫކުރުމުގައި ބޭންކުން ބަލާ މިންގަނޑުތަކާއި، ޑިޖިޓަލް ބޭންކިން ކުރިއަރަމުން އަންނަ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މަނީ ލޯންޑަރިން އާއި ޓެރަޒިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް މާލީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި، ފައިނޭންޝަނަލް އެނަލިސިސް އަދި ރިޕޯޓްތައް ބަލައި ރިޕޯޓްކުރާނެގޮތުގެ މައުލޫމާތު ވެސް ދީފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ، އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ގޮތްތަކާއި އާންމުން މިކަމުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ބުނެދީފައިވާ ކަމަށާއި އަދި މިފަދަ ހާލަތްތަކުގައި ބޭންކުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލާފައިވާ ކަމަށެވެ.

މި ވޯކްޝޮޕްގައި ނޫސްވެރިންނާއި މީޑިއާ ކައުންސިލް ހިމެނޭހެން ޖުމްލަ 25 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.