އާރަށުގެ މައްސަލައިގައި ދައުލަތުން ކުރާ ދައުވާ ސާބިތުކުރުމަށް ހެކިންގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުން އެދިއްޖެއެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގައި އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް އެދިފައި ވަނީ އެ ދެ ބޭފުޅުން ދިން ހެކިންވެސް ހިތުގައި ޔާމީނާއި ދޭތެރޭ އަދާވާތްތެރިކަން އޮތް ކަމާއި އެއީ އުފައްދައިގެން އުޅޭ ވާހަކަތަކެއްކަން ސާފުވާ ކަމަށް ފާހަގަކުރެއްވުމަށްފަހުއެވެ.

ރައީސް ޔާމީންގެ ދިފާއީ ވަކީލް، އާދަމް ޝަމީމް މިއަދު ވިދާޅުވީ އަދީބާއި ޒިޔަތަކީ ދެ ފާސިގުން ކަމަށާއި އެހެންކަމުން އެ ދެ މީހުންގެ ހެކިބަސް ބަލައިގަތުމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަވެގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ދެ ހެކިންގެ ހެކިބަހަށް ބާރުދޭ އިތުރު ހެއްކެއް ހުށަހެޅިފައިނުވާ ހާލަތެއްގައި އެ ދެ މީހުންގެ ހެކިބަސް ބަލައިނުގަތުމަށް މީގެ ކުރިން ނިންމާފައިވާ ނިންމުމާ ހަވާލާދީ އޭނާ ވިދާޅުވީ މި މައްސަލައިގާ އަދީބާއި ޒިޔަތުގެ ހެކިބަހަށް ބާރުދޭ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

މީގެ ކުރިން ޔާމީންގެ މައްޗަށް ކުރި ދައުވާގައި ސުޕްރީމް ކޯޓު މަރުހަލާއިން އެމަނިކުފާނު މިނިވަންވެވަޑައިގަތްއިރު އެކޯޓުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައި ނުގަންނަން ވެސް ނިންމި ކަމަށް ވަކީލުން ވިދާޅުވިއެވެ.

އަދީބާއި ޒިޔަތުގެ ހެކިބަސް އަދާ ކުރެއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ކުރެއްވި ސުވާލުތަކާއި އެ ސުވާލުތަކަށް އަދީބާއި ޒިޔަތު ދެއްވި ޖަވާބުތައް ޔާމީންގެ ވަކީލުން ވިދާޅުވެދެއްވިއެވެ. ބޭނުމަކަށްވީ ދެ ބޭފުޅުންނަށް ކުރެވުނު ސުވާލުތަކުގެ ބޭރުން ވެސް ޔާމީނަށް ތުހުމަތުކޮށް ވާހަކަ ދެއްކެވިކަން އަންގައިދިނުމެވެ.

2015 ގެ ފަހުން އަދާކުރެއްވި ވަޒީފާއާ ގުޅޭ ގޮތުން ސުވާލުކުރުމުން، ޔާމީންގެ ވަކީލުންގެ ތެރޭގައި ހިމެނޭ އިސް ވަކީލު އަދި އޭރު ނައިބު ރައީސް ކަމުން ވަކިކުރި ޑރ. މުހައްމަދު ޖަމީލު އަހުމަދަށް އަމާޒުކޮށް އެކި ވާހަކަ ދެއްކެވި ކަން ޔާމީންގެ ވަކީލު މިއަދު ފާހަގަ ކުރެއްވިއެވެ. އަދި ޔޫސުފް ނައީމަށް ރަށެއް ކުއްޔަށް ދިންތޯ ސުވާލު ކުރެއްވުމުން، އޭގެ ޖަވާބުގައި ވެސް ދިން ރަށެއް ވިދާޅުވުމުގެ އިތުރަށް ރަށް ދޭން ފުރަތަމަ މުއާމަލާތް ކުރި އަގާއި އެ އަގު ތިރިކުރަން ޔާމީން އިރުޝާދު ދެއްވި ކަމަށް އަދީބު ވިދާޅުވިކަން ވެސް ވަކީލުން ފާހަގަ ކުރެއްވިއެވެ.