"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ގާއިމްކުރާ ބްރިޖް އަޅަން ޖަހާފައި ހުރި ޕްލެޓްފޯމް ފަރަށް އަރައި ގެއްލުން ލިބުނުތާ ތިން މަސް ފަހުން، ވިލިމާލެ ބީޗުގައި އަޅާފައިވާ ގާތައް ކޮންނަން ފަށައިފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ" މަޝްރޫއު، ނުވަތަ ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތްތައް ފަށާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގައެވެ. އެ މަހުގެ މެދެއްހާ ހިސާބުގައި، ބްރިޖް ސާވޭކުރަން އަޅާފައިވާ ޕްލެޓްފޯމް އަރިއަޅާލައި، ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
އެ ސަރަހައްދުގައި ހުރި "ދަ ޕްރެސް"ގެ ނޫސްވެރިޔަކު ހިިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ހައިމާކެއް ބޭނުންކޮށްގެން ދަނީ ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖަހާފައި ހުރި ގާތަށް ނަގަމުންނެވެ. އަދި އެހެން ފޮޓޮއަކުން ފެންނަ ގޮތުގައި، ވިލިމާލެ ބީޗް ސަރަހައްދުން ވެސް ވެލި ނަގަމުން އެބަ ދެއެވެ.
ބެލެވޭ ގޮތުގައި މި ހައިމާކަކީ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ މަސައްކަތްކުރާ އެފްކޯންސް އިން ބޭނުންކުރާ ހައިމާކެކެވެ. ނަމަވެސް އެކަން އަދި ޔަގީނެއްނޫނެވެ.
މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ބަހެއް، އަދި އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ތިލަމާލެ ސާވޭ ކުރާ ހަތަރު ފައި ޖެހި ޕްލެޓްފޯމަކީ އިރު އިރު ކޮޅާ ކޮޅުކޮޅަށް ދުއްވާ ޕްލެޓްފޯމެކެވެ. ބްރިޖް އަޅަން ހަމަޖެހިފައިވާ މަގުން ޕްލެޓްފޯމް ދަތުރު ކުރާ އިރު، މާލެ ޓީޖެޓީ ސަރަހައްދުން ފެށިގެން ގޮސް ވިލިނގިލި ބޭރުން ގޮސް ތިލަފުއްޓާ ދިމާލުގައި އެ ޕްލެޓްފޯމް ދޭތެރެ ދޭތެރެއިން އަޅާފައި އޮވެއެވެ. ނަމަވެސް މިދިޔަ އޮގަސްޓު މަހުގެ 16 ގައި އެ ޕްލެޓްފޯމް ފަރަށް އަރައި، ވިލިމާލޭގެ ފަރަށް ބޮޑެތި ގެއްލުން ލިބިފައިވެއެވެ.
އެހެންކަމުން، ވިލިމާލެ ފަރުމަތިން އެ ޕްލެޓްފޯމް ނަގަން، ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތުކުރާ ބައެއް ޖަމިއްޔާތަކާއި ސިޓީ ކައުންސިލުން ގޮވާލައި، އެ މައްސަލައިގައި ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ވެސް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ހުށަހަޅުއްވާފައިވެއެވެ. އަދި ޕްލެޓްފޯމް ފަރަށް އެރި މައްސަލައިގައި އީޕީއޭ އިން ވަނީ އެފްކޯންސް ކުންފުނި 69.4 މިލިއަން ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފައެވެ
6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށެވެ. އެ މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖު ހަދާނެއެވެ.
ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގަ އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައި ހަދާ ބްރިޖެކެވެ. އެ ބްރިޖްގެ އުމުރަކީ 120 އަހަރު ކަމަށް އެފްކޯންސް ކުންފުނިން މީގެ ކުރިން ބުނެފައިވެއެވެ.