ހަމައެކަނި ނެޕީ އުނުގައި އޮތް ކުޑަ ފިރިހެން ކުއްޖަކު ވިލިމާލެ މޫދަށް އެރެނިކޮށް ސަލާމަތް ކޮށްފިއެވެ.
ވިލިމާލެ ބްރިޖް ސައިޓް ކައިރިން ސަލްމާން މިސްކިތާ ދިމާ މޫދަށް އެރުނު އެ ކުއްޖާ ސަލާމަތް ކުރީ އާންމުންގެ މީހަކު ފުލުހުންނަށް ގުޅުމުން ފުލުހުން ގޮސްގެންކަން ވަނީ އެނގިފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވަނީ، ހަމަ އެކަނި އުނުގައި ނެޕީއެއް އޮތް އެ ފިރިހެން ކުއްޖާ އަކީ ފެންނަ ފެނުމަށް 7 ނުވަތަ 8 އަހަރުގެ ކުއްޖެއް ކަމަށާއި އޭނާ މޫދަށް ދިޔަ އިރު އެކުގައި އެހީތެރިއަކު ވެސް ނެތް ކަމަށެވެ. އަދި އޭނާއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކޭ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މި ކުއްޖާ އާ ބެހޭ ގޮތުން މިހާތަނަށް އިތުރު އެހެން މައުލޫމާތެއް ލިބިފައި ނުވާ އިރު، މިކަމުގައި ފުލުހުންގެ ބަހެއް ވެސް އަދި ނުލިބެއެވެ.