ވިލިމާލެ ކައިރިން ކަނޑުމަތީގައި ހިނގި ލޯންޗު އެކްސިޑެންޓުގައި 13 މީހަކަށް އަނިޔާވެ، ހަ މީހަކު އިތުރު ފަރުވާ އަށް އައިޖީއެމްއެޗަށް ގެންގޮސްފިއެވެ.

ފުލުހުން މީގެ ކުރިން ފޮނުވި މެސެޖެއްގައި ބުނީ، ވިލިމާލެ ކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ ދިވެއްސަކަށް އަނިޔާވި ކަމަށާއި، ވިލިމާލެ ހޮސްޕިޓަލުގައި ދެ މީހުންނަށް ފަރުވާ ދެމުންދާ ކަމަށެވެ.

މިރޭ 7:48 ހާއިރު ހިނގި އެ ހާދިސާ އާ ގުޅޭގޮތުން ފަހުން މީޑިއާ އާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ، އެ ހާދިސާގައި ޖުމްލަ 13 މީހަކަށް އަނިޔާވި ކަމަށާއި، އެ 13 މީހުންނަށް ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

އެކަމަކު އޭގެ ތެރެއިން ހަ މީހަކު އިތުރު ފަރުވާ އަށް އައިޖީއެމްއެޗަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވި މީހުންގެ ތެރޭގައި އިންޑިއާގެ އެފްކޯންސް ކުންފުންޏަށް ނިސްބަތްވާ 10 މީހަކާއި އަނަންތަރާ ރިސޯޓުގެ 'އަނަންތަރާ-3' ލޯންޗުން ދަތުރުކުރި ތިން މީހަކު ހިމެނޭ ކަމަށް، ފުލުހުން ހިއްސާކުރި މައުލޫމާތުގައިވެއެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި، މި ހާދިސާ ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރަމުން ދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.