ވިލިމާލޭގައި އަޅަން ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ވ. ފަޒީލާމަންޒިލް، އަހުމަދު ޝިފާން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން ޝިފާން ވަނީ ވިލިމާލޭގެ ސިއްހީ މަރުކަޒަށް މިހާރު ހޮސްޕިޓަލެއްގެ ނަން ދެވިފައި ވިޔަސް ސިއްހީ މަރުކަޒުން ދޭން ޖެހޭ ހިދުމަތެއްވެސް އެ ތަނުން ނުދެވޭ ކަން ފާހަގަކޮށްފައެވެ. އަދި އެންމެ އެމަޖެންސީ ވިޔަސް ފުރައިގެން ދާން ޖެހެނީ މާލެ ކަމަށާއި ވިލިމާލޭގެ ހޮސްޕިޓަލްވެސް އިންނަނީ އައިޖީއެމްއެޗްގެ ދަށުން ނަމަވެސް ކުއްލި ހާލަތެއް ކުރިމަތިވެގެން ވިޔަސް މާލެ ދާން ޖެހެނީ ފެރީގައި ކަމަށް ޝިފާން ވަނީ ބުނެފައެވެ.

ޝިފާން ވަނީ އެ ތަނުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނީ ކޮންއިރަކުންތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ވިލިމާލޭގެ ސިއްހީ ހިދުމަތް ރަނގަޅު ކުރުމަކީ ވަރަށް އިސްކަންދޭ ސިޔާސަތެއް ކަމަށާއި މިހާތަނަށް ހައްލު ނުވެ އޮތް އެ މުހިއްމު މައްސަލަ ހައްލު ކޮށްދޭނެ ކަމަށެވެ. އަދި އިއުލާނުކޮށްފައިވާ، ވިލިމާލޭގެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ހިނގަމުންދާ ކަމަށާއި ޗައިނާގެ ހިލޭ އެހީގެ ދަށުން އެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ޗައިނާގެ ކަމާބެހޭ އިދާރާގެ ފަރާތްތަކާއި ރާއްޖޭގެ ކޮންސްޓްރަކްޝަން އަދި ހެލްތް މިނިސްޓްރީއާ ގުޅިގެން ޑިޒައިންއާއި ޓެކްނިކަލް މަސައްކަތްތައް ކަމަށާއި އެ ކަމަށް ބިންވެސް ވަނީ ކަނޑައަޅާފައި ކަމަށެވެ. އަދި އެ މަސައްކަތް ނިމުނުހާ އަވަހަކަށް ފެންނާނީ އަމަލީ ގޮތުން ކަންކުރަން ބަޔަކު މަސައްކަތް ފަށާތަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ވިލިމާލޭގެ ރައްޔިތުން ހިތްހަމަ ޖެހޭ ފެންވަރުގެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ވަރަށް އަވަހަށް ގާއިމުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މާލެ މޭޔަރު ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއިން ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ވިލިމާލެއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭގައި 100 އެނދުނުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެ ކަމަށާއި ޓާޝަރީ ހޮސްޕިޓަލެއްގައި ހުންނަ ހުރިހާ ކަމެއް އެ ހޮސްޕިޓަލުގައި ހުންނާނެ ކަމަށެެވެ.

އެއަށްފަހު ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެން، ޗައިނާގައި ހުންނަވާ ފޮނުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ވިލިމާލޭގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ޗައިނާގައި މިހާރު ސޮއިކުރި އެއްބަސްވުމުގެ ތެރޭގައި މަގުފަހިވެފައިވާ ކަމަށާއި ހިލޭ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅިގެންދާނެ ކަމަށެވެ.