ވިލިމާލެ ހޮސްޕިޓަލްގެ ހިންގުން ވަގުތީގޮތުން ކުޑަކުދިންގެ ހިޔާ ހިންގާ އިމާރާތަށް ބަދަލުކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެމުންދާކަން އެނގިއްޖެއެވެ.
'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި ކުޑަކުދިންގެ ހިޔާ ހިންގާ އިމާރާތަށް ބަދަލުކުރަނީ، ހޮސްޕިޓަލް މިހާރު ހިންގާ އިމާރާތް ތަޅާލައި، އެ ތަނުގައި ޓާޝަރީ ހޮސްޕިޓަލެއް އިމާރާތްކުރުމަށެވެ.
އަދި އެކަމާ ގުޅޭ ގޮތުން ވިލިމާލޭގެ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނާ މަޝްވަރާކޮށްފައިވާ ކަމަށާއި، އެގޮތުން ވިލިމާލެ ހޮސްޕިޓަލް ހިންގާ އިމާރާތް ތަޅާލައި ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް އަންނަ މާޗް މަހު ފަށަން އުޅޭ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެއެވެ.
ނަމަވެސް މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ވިލިމާލެ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗުން ބުނީ، އެފަދަ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށެވެ.
އެކަމަކު އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް މިދިޔަ މަހުގެ ކުރީކޮޅު ފޮޓޮއެއް ހިއްސާކުރައްވައި 'އެކްސް'ގައި ކުރެއްވި ޕޯސްޓުން، ވިލިމާލެ ހޮސްޕިޓަލް ހިންގާ އިމާރާތް ތަޅާލަން އުޅޭކަން ދޭހަވެއެވެ. އެހެންކަމުން ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރާނީ އެ ބިމުގައި ކަމަށް ވެއެވެ.
ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް މި ސަރުކާރުން އިމާރާތްކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ މާޗް މަހުގައެވެ. އެ މަސައްކަތްކުރުމަށް ސަރުކާރުން ނިންމާފައިވަނީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ.
އެގޮތުން އާ ހޮސްޕިޓަލް އިމާރާތްކުރުމަށް ބިމެއް ކަނޑައަޅާފައިވާ ކަމަށާއި، ހެލްތު މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާ ގުޅިގެން ޑިޒައިންގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް ރައީސް އޭރު ވިދާޅުވިއެވެ. ނަމަވެސް އެ ހޮސްޕިޓަލް އިމާރާތްކުރާނެ ބިމާއި މަސައްކަތް ފަށާނެ ތާރީހެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.