ވޯލްޑް ކަޕް 2022 ގައި ކުޅޭ ޓީމުތަކާއި ކުޅުންތެރިންގެ ނަންތައް ރަނގަޅަށް ބޭނުންކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

މިރޭ 9 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި ޖުމްލަ 32 ޓީމެއް ބައިވެރިވެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ގަތަރާއި އިކުއެޑޯއެވެ. އެ މުބާރާތުގެ މެޗުތައް މިއަދުން ފެށިގެން ޑިސެންބަރު 18 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލްކޮށްފައެވެ.

ވޯލްޑް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދި ފްރާންސްގެ ފޯވަޑް ކަރީމް ބެންޒީމާ އިންޖަރީވެ މުބާރާތުގައި ނުކުޅޭނެކަން ފްރާންސުން ހާމަކުރުމާއެކު ގިނަ މީޑިއާތަކުން ވަނީ އެ ހަބަރުތައް ގެނެސްދީފައެވެ. ބެލަންޑޯ އެވޯޑް ހޯދި ބެންޒީމާއަށް އަނިޔާވެފައިވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ކަމަށާ އޭނާއަށް އަނިޔާ ލިބިފައިވަނީ ފައިގެ ފަލަމަސްގަނޑަށް ކަމަށެވެ. އަދި މި މުބާރާތުގައި އޭނާއަށް ނުކުޅެވޭނެ ކަމަށް ވެސް ފްރާންސްގެ ގައުމީ ޓީމުން ވަނީ ބުނެފައެވެ.

މައުމޫން ވިދާޅުވީ މިރޭ ވޯލްޑް ފުޓުބޯޅަ ފެށޭނެ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް ކުޅޭ ޓީމްތަކުގެ ނަންތަކާއި ކުޅުންތެރީންގެ ނަންތައް ރަނގަޅަށް ބޭނުން ކުރެއްވުން ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިސާލެއްގެ ގޮތުގައި މައުމޫނު ވަނީ ބެންޒީމާގެ ބަދަލުގައި ބެންޒެމާ ބޭނުން ނުކުރުމަށްވެސް އެދިފައެވެ. ލަފާކުރެވޭ ގޮތުގައި މައުމޫނު އެ މިސާލު ޖެއްސެނީ ބެންޒީމާގެ ހަބަރު ގެނެސްދިނުމުގައި ހެދިފައިވާ ކުށެއްގެ ސަބަބަކާ ގުޅިގެންނެވެ.