ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަަކަށް ވާނީ މާދަމާ ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން ވެސް މާދަމާއަކީ މުލަ ރޯދައެވެ. އަދި ރޯދަ މަހުގެ އެންމެ ފަހު ދުވަހަކީ މާޗް މަހުގެ 19 ވަނަ ދުވަހެވެ.

1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދުބެލުން އޮންނާނީ މިރެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ، ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ، މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައި ކަމަށާއި، އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށެވެ.