އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބުނު ފިލްމު ސީރީޒް ކަމަށްވާ ޕްރިންސަސް ޑައިރީސްގެ ތިން ވަނަ ފިލްމެއް އުފައްދަން ތައްޔާރުވެއްޖެއެވެ.
އަށާރަ އަހަރު ފަހުން މި ފިލްމުގެ ތިން ވަނަ ބައެއް އާންމުންނާ ހަމައަށް ގެންނަން ތައްޔާރުވަމުން އަންނައިރު މި ފަހަރުގެ ފިލްމުގެ ލީޑު ކެރެކްޓާ ކުޅޭނީ ދެވަނަ ފިލްމުގެ ލީޑު ރޯލު ކުޅުނު ތަރި އޭން ހެތަވޭ ކަމަށް ރިޕޯތްތައް ބުނެއެވެ. ޑިޒްނީ އިން މި ފިލްމު ގެންނަން މަސައްކަތްކުރަމުން އަންނައިރު މި ފިލްމުގެ ތިން ވަނަ ބައި ޕްރޮޑިއުސްކުރާނީ ކުރީ ދެ ފިލްމު ވެސް ޕްރޮޑިއުސްކުރި ޑެބްރާ މާޓިން ޗޭސްއެވެ.
ޕްރިންސެސް ޑައިރީސްގެ ފުރަތަމަ ބައެއް ނެރެފައިވަނީ 2001 ވަނަ އަހަރުގައެވެ. އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 165.3 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައެވެ. އޭގެ ތިން އަހަރުފަހުން 2004 ވަނަ އަހަރު ފިލްމުގެ ދެވަނަ ބައެއް އާންމުންނާ ހަމައަށް ގެނެސްދިން އިރު އެ ފިލްމަށްވަނީ 134.7 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައެވެ.
އާދްރިތާ މުކަރްޖީ މި ފިލްމުގެ ސްކްރިޕްޓް ލިޔަމުން އަންނަ އިރު ތިން ވަނަ ފިލްމު ކުރިއަށްދާނީ ދެވަނަ ފިލްމު ނިންމާލި ހިސާބުންނެވެ. ފިލްމުގެ ފުލް ކާސްޓު ފައިނަލް ކޮށްފައިނުވާއިރު މި ފިލްމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި ޑިޒްނީ އިން ހާމަކޮށްފައެއް ނުވެއެވެ.
ޑިޒްނީ އިން އަންނަނީ އެ ކުންފުނިން އުފެއްދި ކާޓޫންތަކުގެ ލައިވް އެކްޝަން ފިލްމުތައް ގެނެސްދެމުންނެވެ. އެގޮތުން "ދަ ލަޔަން ކިންގް"، "މުލާން" އަދި "މެލެފިސަންޓް" ހިމެނެއެވެ. ޑިޒްނީ އިން ދެން އެންމެ އަވަހަށް ގެނެސްދޭނެ ލައިވް އެކްޝަން ކާޓޫން ފިލްމަކީ "ދަ ލިޓްލް މާމެއިޑް" އެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.