ފުރާވަރު އުމުރަށް ކުދިން އެޅުމުން، މައިންބަފައިންގެ އަޅާލުން ވަރަށް ބޮޑަށް މުހިންމު ކަމަށް، ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

ފުލުހުންނާއި ނ. ކެނދިކުޅުދޫ ކައުންސިލްގެ އިތުރުން ޔުނިސެފް މޯލްޑިވްސް ގުޅިގެން ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހާއި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެނދިކުޅުދޫގައި ޕްރޮގްރާމެއް ބާއްވައިފައެވެ.

އެ ޕްރޮގްރާމްގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ މަގްސަދަކީ ދަރިންގެ ޅަ އުމުރާއި ފުރާވަރު އުމުރުގައި އެ ކުދިންގެ ތަރައްގީ އަށް އިތުރު ހަރުދަނާކަމާއެކު އެހީވެދިނުމުގައި ބޭނުންކުރާނެ ހެޔޮ ތަރުބިއްޔަތުގެ ހުނަރުތައް މައިންބަފައިންނާއި ބެލެނިވެރިންނަށް ލިއްބައިދީ ބާރުވެރިކުރުމާއި، އެ މީހުންގެ އަމިއްލަ ދުޅަހެޔޮކަމަށް ވެސް ސަމާލުކަން ދޭނެ ގޮތްތައް އަންގައިދިނުމެވެ.

އޭގެ ތެރެއިން "ޕޮޒިޓިވް ޕޭރަންޓިން ޕްރޮގްރާމް" އިފްތިތާހުކޮށްދެއްވާ ދެއްވި ވީޑިއޯ މެސެޖެއްގައި ފަޒްނާ ވިދާޅުވީ، ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަކީ އެއްވެސް މަރުހަލާއެއްގައި ފަސޭހަކަމެއް ނޫން ކަމަށެވެ.

ފަޒްނާ ވިދާޅުވީ، ކުދިން ބޮޑެތިވަމުން އަންނަ އިރު، އެ ކުދިން ތަރުބިއްޔަތުކުރުމުގައި ބޭނުންކުރާ ހުނަރު ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ. ކުދިންގެ ޅަފަތަކީ އެ ކުދިންގެ ކުރިމަގުގެ ބިންގާ ކަމަށްވުމާއެކު، ދަރިން ހެޔޮ ގޮތުގައި ބޮޑުވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި އެ ކުދިންނަށް ބޭނުންވާ އަޅާލުމާއި ރައްކާތެރިކަމާއި އެދެވޭ ތަރުބިއްޔަތެއް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކުދިން ފުރާވަރު އުމުރަށް އެޅުމުން މައިންބަފައިންނާއި ބެލެނިވެރިންގެ ޒިންމާ ވަކިން މުހިންމުވާ ކަމަށް ވިދާޅުވެ، މައިންބަފައިންގެ ވާޖިބު އަދާކުރުމުގައި މަންމަ އާއި ބައްޕަ، ނުވަތަ ބެލެނިވެރިން ގުޅިގެން އެކީގައި މަސައްކަތް ކުރުމަށް ފަޒްނާ ބާރު އެޅުއްވިއެވެ. ހަމަ އެއާއެކު، ކުދިންނަށް ހެޔޮ ގޮތްތައް ބުނެދިނުމަށް ވެސް އެކަމަނާ އެދިވަޑައިގެންފައިވެއެވެ.

ހަމަ އެއާއެކު، އެއް ބަޔަކު އަނެއް ބަޔަކަށް ތަޖުރިބާގެ އަލީގައި ކަންކަން ދަސްކޮށްދީ، ދަރިން ތަރުބިއްޔަތުކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ދިނުމަށް ވެސް ފަޒްނާ ގޮވާލެއްވިއެވެ.