2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހެޅި ބަޖެޓު ދިރާސާ ކުރުމަށްފަހު ކޮމިޓީން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ކޮމިޓީއިން ފާސްކުރުމަށް މިއަދު މެންދުރުފަހު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުގައި ބަޖެޓު ފާސްކޮށްފައި ވަނީ ބަޖެޓު ކޮމިޓީގެ އަގުލަބިއްޔަތުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 42.68 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ބެޖެޓް ކޮމިޓީން ވަނީ އިތުރު އިސްލާހުތަކާ އެކު ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ.

ބަޖެޓަށް މި އަދަދު އިތުރުކުރުމަށްފަހު ބަޖެޓް ކޮމިޓީން އަންނަ އަހަރަށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާއެވެ. އެގޮތުން އާމްދަނީގެ ގޮތުގައި 29.62 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން 2.48 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުން ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން މަޝްރޫއުތަކަށް 14 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. އަދި2023 ވަނަ އަހަރުގެ ބަޖެޓުން މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 12.9 ބިލިއަން ރުފިޔާ ހަރަދުކުރާއިރު ތަކެއްޗާއި ހިދުމަތް ހޯދުމާއި، ދަތުރުފަތުރާއި މަރާމާތު ފަދަ ރިކަރަންޓް ޚަރަދުތަކަށް 5.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ހަމައެހެންމެ ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.5 ބިލިއަން ރުފިޔާ ކަމަށްވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 5 ބިލިއަން ރުފިޔާއެވެ.