އިންތިގާލީ އިންސާފު ހޯދައިދޭން ކަނޑައެޅި މުއްދަތު އިތުރުކޮށްފިއެވެ.
އިންތިގާލީ އޮފީހުގެ ދައުރު އަންނަ ޑިސެމްބަރު މަހު 17 ގައި ހަމަވާއިރު އެ އޮފީހުގައި ހުރި މައްސަލަތައް އަދި ނުނިމެއެވެ.
ރައީސް އޮފީހުން ބުނީ، އެއޮފީހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތައް މުއްދަތުގެ ތެރޭގައި ތަހުގީގުކޮށް ނުނިމި އެ މައްސަލަތައް ބަލަން އިތުރު ވަގުތު ބޭނުންވާތީ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.
އެހެން ކަމުން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ އިތުރުކޮށްފައެވެ
އިންތިގާލީ އިންސާފުގެ ގާނޫނުގައި ބަޔާންކޮށްފައި ވާފަދައިން ޖެނުއަރީ 1، 1953 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތް ކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާ އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ބެލުމުގެ އިހްތިސާސް އެ އޮފީހަށް ލިބިގެންވެއެވެ.