އިންޑިއާގެ ޕްލަޗިމާޑާ އަވަށުގެ މީހުންނަށް އެންމެ ފުރަތަމަ ކަމެއް ގޯސް ވެއްޖެކަން އެނގުނީ ކާން ބޭނުންކުރާ ހަނޑުލުން ދަގަނޑު ރަހަ ކަހަލަ ރަހައެއް ލާން ފެށުމުންނެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ގޮވާންތައް ހިކި އަނަރޫފަވެ، ދަނޑުވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސް ބިމުގެ ފެންފަށަލަ އާދަޔާހިލާފަށް ތިރިއަށް ދާކަން ފާހަގަ ކުރެވުނެވެ.
މީގެ އިތުރުން ބަނޑުގެ އެކި ބަލިތަކާއި ހަމުގެ ބަލިތައް މުޅި ހިސާބުގައި ރޯގާއެއްހެން ފެތުރެން ފެށިއެވެ. މިއީ އެތަނުގައި އޭރު ހިންގަމުން އައި ކޮކާކޯލާ ބަންދުކުރާ ފެކްޓަރީގެ ސަބަބުން ވަމުން ދިޔަ ގޮތެއް ކަމެއް އޭރަކު ނޭނގެއެވެ.
ތިމާވެއްޓަށް ބޮޑެތި ގެއްލުން ލިބޭ ޕްލާސްޓިކާއި އަދި ވިހަ ކުނި ބޭރުކުރާ ކަމުގެ ތުހުމަތުގައި އެ އަވަށުގައި ހުރި ކޮކާކޯލާ ކުންފުނި ބަންދުކުރިތާ 18 އަހަރު ފަހުން، ނިމިދިޔަ ކޮޕް27 ސަމިޓު ކޮކާކޯލާ ކުންފުނިން ސްޕޮންސާ ކޮށްފައި ވާތީ އެ އަވަށުގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައި މަގުތަކަށް ނިކުމެ މުޒާހަރާ ކޮށްފައެވެ. އަދި ރައްޔިތުން ވަނީ އެހާމެ ރުޅިވެސް ގަދަވެފައެވެ. މިގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ކޮކާކޯލާ ކުންފުނީގެ ބްރާންޗެއްގެ ކުރިމަތީގައި އެކުންފުނީގެ ލޯގޯ ވެސް އަންދާލާފައެވެ.
ކޮކާކޯލާ ކުންފުންޏާ ދެކޮޅަށް އިންޑިއާގައި ހަރަކާތްތެރިވާ މަޝްހޫރު ގްރޫޕެއް ކަމުގައިވާ "އެންޓި ކޮކާކޯލާ ސްޓްރަގްލް" ކޮމިޓީ އިން ދަނީ ފާއިތުވި 20 އަހަރު ކޮކާކޯލާ ކުންފުނީގެ ސަބަބުން އެމީހުންގެ އަވަށަށް ތިމާވެށީގެ ގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ޑިމާންޑު ކުރަމުންނެވެ.
ލިބިފައިވާ ގެއްލުން ތަކުގެ ސައިންޓިފިކް ހެކި ހުރެމެ އަދިވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ.
ކެރަލާ ސަރުކާރުން 2010 ވަނަ އަހަރު މިކަން ތަހުގީގު ކުރުމަށް އުފެއްދި ކޮމިޓީއަކުން ހާމަކުރި ގޮތުގައި ކޮކާކޯލާ ކުންފުނި އެއަވަށުގައި ހިންގި އިރު އެމީހުން ވަނީ ބިމުން އާދަޔާހިލާފު ގިނަ މިންވަރަކަށް ތާޒާ ފެން ނަގާފައެވެ. އަދި ކުނީގެ ގޮތުގައި އުކާލައިފާވާ އެއްޗެހިތަކުގެ ތެރޭގައި ގެއްލުން ދެނިވި ވިހަ ހިމެނޭ ކެޑްމިއަމް އަދި ލީޑް ވެސް ހިމެނެއެވެ. މި ދެ މާއްދާ އާންމުކޮށް ވަށައިގެންވާ މާހައުލަށް ދޫކުރެވެނީ ބޯޓުދެލި އެންދުމުންނާއި ކުނީގެ ގޮތުގައި އުކާލެވޭ ޕްލާސްޓިކު ފަދަ ތަކެތީގެ އިތުރުން ބެޓެރި ފަދަ ތަކެތިންނެވެ.
އެގޮތުން އެއަވަށުގައި ހުރި ކޮކާކޯލާ ފެކްޓަރީގެ ސަބަބުން އަވަށަށް އިޖްތިމާއީ، އިގްތިސާދީ، ސިއްހީ އަދި ތިމާވެށީގެ އެތައް މައްސަލައެއް ކުރިމަތި ވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.
މިކަމުގެ ސަބަބުން އަވަށުގެ ދަނޑުވެރިންނަށް ވެސް ވަނީ އެތަކެއް ތަކުލީފުތަކެއް އުފުލަން ޖެހިފައެވެ. މީގެ އިތުރުން އެހިސާބުން ސާފުފެން ނުލިބުމުގެ ސަބަބުން ބޯފެން އަދި ދަނޑަށް ބޭނުންވާ ސާފުފެން ފެން ހޯދުމަށް އެމީހުން ދުރު ހިސާބުތަކަށް ދާންޖެހެއެވެ. ނަމަވެސް މިހާރު ސަރުކާރުން ވަނީ އަވަށަށް ފެން ހޮޅި އަޅައި އެމީހުންނަށް ފެން ލިބޭނޭ ގޮތް ހަދައިދީފައެވެ. ނަމަވެސް މިގޮތަށް ފެން ހޯދުމަށް ރައްޔިތުންގެ އަތުން ބޮޑު ހަރަދެއް ކުރަންޖެހެއެވެ. ފެން ތަޣައްޔަރު ވުމުގެ ސަބަބުން އަވަށުގެ ގިނަ ބަޔަކަށް ހަމުގެ ނުރައްކާތެރި ބައްޔެއް ޖެހި ވަރަށް ގިނަ މީހުން އަވަށް ދޫކޮށް ހިޖުރަވެސް ކޮށްފައި ވެއެވެ.
ނޮވެމްބަރު 4 ގައި މި ޖަމްއިއްޔާއިން ވަނީ ކޮކާކޯލާ ކުންފުނި ކޮޕް27 ސަމިޓުގެ ސްޕޮންސާ ލިސްޓުން ވަކިކޮށްދިނުމަށް އެދި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަށް ސިޓީއެއްވެސް ފޮނުވާފައެވެ.
ކޮކާކޯލާގެ މޫސުމީ ވައުދުތައް - މަލާމާތެއްތަ؟
ސެޕްޓެމްބަރު 30 ގައި މިސްރުގެ ސަރުކާރުން ވަނީ އެގައުމުގައި ބޭއްވި ކޮޕް27 ސަމިޓުގެ އެއް ސްޕޮންސާއެއްގެ ގޮތުގައި ކޮކާކޯލާ ކުންފުންޏާ އެކު ސޮއި ކޮށްފައެވެ. މިސްރުގެ ގާހިރާގައި ބޭއްވި މި ރަސްމިއްޔާތުގައި ކޮކާކޯލާ ކުންފުނީގެ ނޯތް އެފްރިކާގެ އޮޕަރޭޝަންސް ގެ ނައިބު ވިދާޅުވީ، ރަނގަޅު ބައިވެރިންނާ އެކީ މަސައްކަތް ކުރަން ފުރުސަތު ލިބިއްޖެ ނަމަ މިސްރު، އަދި މުޅި ދުނިޔެއަށް ވެސް ރަނގަޅު ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށް އެމީހުން ވަރަށް ބޮޑަށް ގަބޫލުކުރާ ކަމުގައެވެ.
މީގެ އިތުރުން ކޮކާކޯލާގެ ތަރުޖަމާނަކު އަލްޖަޒީރާ އަށް މައުލޫމާތު ދިން ގޮތުގައި އެމީހުން އަދި އެމީހުންގެ ފުޅި ބަންދުކުރާ ޕާޓްނަރު ކުންފުނިތަކުން އަބަދުވެސް އަމަލުކުރަމުން އަންނަނީ ސަރުކާރުގެ ގާނޫނާއި އުސޫލުތަކާ އެއްގޮތަށެވެ.
އަދި ކޮޕް27 އަށް ސޮޕޮންސާޝިޕް ދީފައި ވަނީ އެމީހުންގެ އަމާޒު ކަމުގައިވާ 2030 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރެވޭ ކާބަން 25 ޕަސެންޓް މަދުކުރުމަށާއި އަދި 2050 އާއި ހަމައަށް ދާއިރު ނެޓް ޒީރޯ އަށް ވާސިލުވުމުގެ މަގްސަދުގައި ކަމުގައެވެ.
އިންޑިއާގެ ޕްލާޗިޑާގައި ހުރި ކޮކާކޯލާ ފެކްޓަރީ އުވާލެވިފައި ވަނީ އާންމުންގެ އެތައް ޝަކުވާތަކަށް ފަހު 2017 ވަނަ އަހަރު ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
އިންޑިއާގެ އޮފިޝަލަކު އަލްޖަޒީރާ އަށް މައުލޫމާތު ދިން ގޮތުގައި އިންޑިއާގެ ޕްލާޗިމާޑާ އަކީ ކޮކާކޯލާ އިން މިހާތަނަށް ހަލާކު ކޮށްފައިވާ އެތަކެއް އަވަށެއްގެ ތެރެއިން އެއް އަވަށެވެ. އެގޮތުން އެ އަވަށުގައި ކޮކާކޯލާ ފެކްޓަރީ ހިންގި އިރުގައި އެތަނުގެ ތިމާވެއްޓަށާއި ފެނުގެ ނިޒާމަށް ވަނީ އިއާދަ ނުކުރެވޭނެ ފަދަ އެތަކެއް ގެއްލުންތަކެއް ދީފައެވެ.
އަދި މޫސުމީ މަޝްވަރާތައް ކުރިއަށް ގެންދާ ކޮންފަރެންސެއް، ތިމާވެށި ތަޣައްޔަރު ކުރަމުން ދާ ބަޔަކު ސްޕޮންސާ ކުރުމަކީ ބޮޑު ޖޯކެއް ކަމަށްވެސް ބުނެފައިވެއެވެ.
ދުނިޔޭގެ ބޮޑު ބައެއް ޕްލާސްޓިކުން ތަޣައްޔަރު ވެފައި
ޕްލާސްޓިކުން ދުނިޔެ ތަޣައްޔަރު ވަމުންދާ މިންވަރު ދެނެގަތުމަށް "ޕްލާސްޓިކް މޫމަންޓްސް" ކިޔާ ޖަމްއިއްޔާ އަކުން "ބްރޭންޑް އޮޑިޓް" ގެ ނަމުގައި ހަދާ ދިރާސާގެ މިއަހަރުގެ ރިޕޯޓުގައި ވާގޮތުން ޕްލާސްޓިކް ޕޮލިއުޝަންގެ އެންމެ ކުރީގައި ވިދި ވިދިގެން 5 އަހަރު ވަންދެން އޮތީ ކޮކާކޯލާ ކުންފުންޏެވެ.
14760 ވޮލަންޓިއަރުން ބައިވެރިވެގެން 44 ހަތަރު ގައުމެއްގައި ހިންގި ހަރަކާތެއްގައި ހޮވި 429،994 ޕްލާސްޓިކު ފުޅީގެ ތެރެއިން އެންމެ ގިނައީ ކޮކާކޯލާ ކުންފުނީގެ ފުޅިތައް ކަން ވަނީ ހާމަވެފައެވެ. އެހެން ކަމުން ޕްލާސްޓިކުން ދުނިޔެ ތަޣައްޔަރު ވުމުގައި ކޮކާކޯލާގެ ދައުރު ބޮޑުކަން ހާމަވެގެންދެއެވެ.
އަދި މިޖަމްއިއްޔާ އިން ހިންގި އިތުރު ހަރަކާތެއްގައި 78 ގައުމަކުން ވަނީ 80،000 އަށް ވުރެ ގިނަ ޕްލާސްޓިކް ފުޅި ހޮވާފައެވެ.
ދުނިޔޭގެ ފިނިހޫނު މިން 1.5 ޑިގްރީ ސެލްސިއަސް އަށްވުރެ ދަށުގައި ބެހެއްޓުމަށް ފޮސިލް ފިއުލް ފަދަ ތަކެތި އެންދުން މަދުކުރުމަށް މޫސުމާ ބެހޭ މާހިރުން ލަފާ ދޭއިރު، ކޮކާކޯލާ އިން ކޮންމެ އަހަރަކު އުކާލެވޭ ޒާތުގެ 120 ބިލިއަން ޕްލާސްޓިކު ފުޅި އުފައްދާ ކަމަށް އެކުންފުނިން ވަނީ އެއްބަސްވެފައެވެ.
ނަމަވެސް 2025 ވަނަ އަހަރާ ހަމައަށް އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކު ފުޅި އުފެއްދުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ވެސް ކޮކާ ކޯލާއިން ބުނެއެވެ.
މޫސުމާ ބެހޭ ސަމިޓުގެ ސްޕޮންސަރުން ތިމާވެށި ތަޣައްޔަރުކުރާ ކަމުގެ ތުހުމަތު
ކޮޕް27 ސްޕޮންސާ ކޮށްފައިވާ މިފަދަ ނުފޫޒުގަދަ ހަމަ އެކަނި ކުންފުންޏަކީ ކޮކާކޯލާ އެކަންޏެއް ނޫނެވެ. ދުނިޔެ ތަޣައްޔަރު ވުމުގައި އިސް ދައުރެއް އަދާކުރާ މިފަދަ ކުންފުނިތަކާއި އެމީހުންނަށް ވާގިވެރިވާ ވިޔަފާރިތަކުން ކޮޕް ސަމިޓުތައް ސްޕޮންސާ ކުރުމަކީ އާ ކަމެއްވެސް ނޫނެވެ.
މިފަހަރުގެ ސަމިޓުގެ 20 ސްޕޮންސަރުންގެ ތެރެއިން 18 ސްޕޮންސަރުންނަކީ ދުނިޔޭގެ ތިމާވެއްޓަށް ގެއްލުން ދެނިވި އަމަލުތައް ކަމުގައިވާ ފޮސިލް ފިއުލް އުފްއްދާ ކުންފުނިތަކާ ގުޅުން އޮންނަ އަދި އެމީހުންނަށް ވާގިވެރިވާ ކުންފުނިތަކެވެ.
މީގެ ބައެއް ކުންފުނިތަކުގެ ތެރޭގައި މައިކްރޯސްފްޓް، ވޮޑަފޯން ފަދަ މަޝްހޫރު ބޮޑެތި ކުންފުނިތައް ހިމެނެއެވެ.
މިއާއެކު ކޮޕް ސަމިޓު ތަކުގެ ސްޕޮންސަރުންގެ ގޮތުގައި މިފަދަ ކުންފުނިތައް ބައިވެރި ކުރެވޭހާ ހިނދަކު ސަމިޓުގައި ކުރެވޭ މަޝްވަރާތަކުގެ މާބޮޑު ބޭނުމެއް ނެތްކަމަށް ގިނަ މީހުން ދެކެއެވެ. ސަބަބަކީ ހުރިހާ ގޮތަކުން ވެސް މިފަދަ މީހުންގެ ނުފޫޒު މަޝްވަރާތަކަށް އަދި ނިންމޭ ނިންމުންތަކަށް ފޯރާނެތީއެވެ.
ރާއްޖެ އަކީ ވެސް ކޮކާކޯލާގެ ވަރަށް ގިނަ ބްރޭންޑްތައް ޕްލާސްޓިކް ފުޅީގައި ބާޒާރަށް ނެރޭ ގައުމުކެވެ. އޭގެ ތެރޭގައި ބޯން ބޭނުން ކުރާ ބޮނަކުއާ ފެންވެސް އެއީ ކޮކާކޯލާ ކުންފުނީގެ އުފެއްދުމެކެވެ. ރާއްޖޭގައި ތިމާވެށްޓަށް ގެއްލުން ދިނުމުގައި ކޮކާކޯލާ އާއި އެފަދަ ޕެޓް ފުޅި އުފައްދާ ފަރާތްތަކުން އަދާ ކުރާ ދައުރު ބެލިފައި އޮތް ކަމަކަށް ދިރާސާއަކުން ނުދައްކައެވެ.