2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ހިމެނީ މުބާރާތް ބާއްވާ ގައުމު ގަތަރާއި، ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އެކުއަޑޯ، އެންމެ ފަހުގެ އެފްރިކަން ޗެމްޕިއަންސް ސެނެގާލް އަދި ޔޫރަޕްގެ ގަދަ ބާރެއް ކަމަށްވާ ނެދާލޭންޑްސެވެ.

ގަތަރު

2022 ވަނަ އަހަރުގެ މުބާރަތަކީ ގަތަރަށް އެކި ގޮތް ގޮތުން ހާއްސަ މުބާރާތެކެވެ. މިއީ މި މުބާރާތް މެދު އިރުމަތީގައި ބާއްވާ ފުރަތަމަ ފަހަރަށްވާ އިރު އެސަރަހައްދުން މިމުބާރާތް އެންމެ ފުރަތަމަ ބާއްވާ ގައުމަކަށް ގަތަރުވުމަކީ ވެސް އެގައުމަށް ލިބޭ ފަހުރެކެވެ. މީގެ އިތުރުން، މިއީ ވޯލްޑް ކަޕް މުބާރާތެއްގައި ގަތަރުގެ ގައުމީ ފުޓްބޯޅަ ޓީމު ފެނިގެންދާ ފުރަތަމަ ފަހަރުވެސްމެއެވެ. މުބާރާތް ފައްޓާ މެޗު އެކުއަޑޯއާ ދެކޮޅަށް ގަތަރުން ކުޅޭނެ އިރު މުބާރާތުގެ ފަހުގެ ބުރުތަކަށް ދިއުމަކީ ފަސޭހަ ކަމެއް ނޫން ކަން އެންމެ ފަހުގެ އޭޝިޔާ ކަޕްގެ ޗެމްޕިއަނުން ވެސް ގަބޫލުކުރެއެވެ.

\

ގަތަރުގެ ގައުމީ ޓީމުގެ ކުޅުންތެރިން/ފޮޓޯ: ގޫގަލް

އެހެން ނަމަވެސް އަމާޒަކީ ދެވަނަ ބުރަށް ދިއުމެވެ. މިހާތަނަށް މުބާރާތް ބޭއްވި ގައުމެއް ދެވަނަ ބުރަށް ނުގޮސް ކެޓީ ވޯލްޑް ކަޕްގެ ތާރިހުގައި ވެސް އެންމެ ފަހަރަކުއެވެ. އެއީ 2010 ވަނަ އަހަރު ދެކުނު އެފްރިކާއެވެ.

އެކުއަޑޯ

ގަތަރު 2022 އަށް އެކުއަޑޯ ދަތުރުކުރީ ލޮލުގައި އަޅައިގަންނަ ކުޅުމެއް ދެއްކުމަށް ފަހުއެވެ. މިގޮތުން، މުބާރާތަށް ކޮލިފައިވުމަށް ކުޅުނު މެޗުތަކުގައި އެގައުމުން ވަނީ 27 ގޯލު ޖަހާފައެވެ. މިއީ ކުއަލިފިކޭޝަންގައި އެޓީމުން އެންމެ ގިނަ ލަނޑު ޖެހި ފަހަރުވެސްމެއެވެ. އެ ޓީމަކީ ދެކުނު އެމެރިކާއިން ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ޒުވާން ގުޅުންތެރިންނާއި އެކު ގަތަރަށްދާ ޓީމެވެ. މިގޮތުން އެކުއަޑޯގެ ފުރަތަމަ 11 ގެ އެވްރެޖް އުމުރަކީ 25 އަހަރެވެ.

އެކުއަޑޯ ޓީމުގައި ހިމެނީ ގިނައިން ޒުވާން ކުޅުންތެރިން/ފޮޓޯ: ގޫގަލް

ނެދަލޭންޑްސް

ޔޫރަޕްގެ ގަދަ ބާރެއް ކަމަށްވާ ނެދެލޭންޑްސް 2018 ވަނަ އަހަރުގެ ވޯލްޑްކަޕުން ނުފެނުން ވެގެން ދިޔައީ އެގައުމަށް ލިބުނު ވަރަށް ބޮޑު ލަދުވެތި ކަމަކަށެވެ. އެހެން ކަމުން އެކަމުގެ ބަދަލުގައި މިފަހަރުގެ މުބާރާތުން ރަނގަޅު ނަތީޖާއެއް ނެރުމަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް ނެދަލޭންޑްސްއިން ދެކެއެވެ. އަދި މިއީ އެގައުމުގެ އަތުގައި މިހާރު އޮތް ރެކޯޑްވެސް ފޮހެލަން ރަނގަޅު ފުރުސަތަކަށްވާނެއެވެ.

ނެދާލޭންޑްސްގެ ނޭތަން އާކޭ (ވ) ވެންޑައިކް (މ) އަދި ބާގްހައުސް (ކ) ތަމްރީނުތަކުގައި/ފޮޓޯ: ޓުވިޓާ

ނެދަލޭންޑްސްއަކީ މިހާތަނަށް ވޯލްޑް ކަޕް މުބާރާތްތަކުގައި ފައިނަލްގައި ކުޅެ އެންމެ ގިނައިން ރަނަރަޕް ނުވަތަ ދެވަނަ ޓީމުގެ ލަގަބް ހޯދި ގައުމެވެ. މިގޮތުން މީގެ ކުރިން ތިން ފަހަރެއްގެ މަތިން ފައިނަލްގައި އެޓީމު ކުޅުނު އިރު ތިން ފަހަރުވެސް ވީ ބައްޔެވެ.

ސެނެގާލް

ސެނެގާލްއަކީ 2021 ވަނަ އަހަރު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަނަސްގެ ޗެމްޕިއަނުންނެވެ. ސެނެގާލުން އެމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިސްރު ބަލިކޮށެވެ. އަދި ގަތަރު 2022 އަށް އެގައުމުން ކޮލިފައިވީ ވެސް ޕްލޭއޮފްގައި މިސްރު ބަލިކޮށެވެ.

ސެނެގާލްއަކީ 2021 ވަނަ އަހަރުގެ ބޭއްވި އެފްކޯންސް މުބާރާތުގެ ޗެމްޕިއަން ޓީމު/ފޮޓޯ: ސެނެގާލް

ސެނެގާލް ވާނީ 21 ވަނަ ގަރުނުގައި އެފްރިކާގެ ޗެމްޕިއަނުންގެ ގޮތުގައި ފީފާ ވޯލްޑް ކަޕްގައި ވާދަ ކުރާ ފުރަތަމަ އެފްރިކާގެ ގައުމަށެވެ. ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިންނާއި އެކު ސެނެގާލުން ވޯލްޑް ކަޕަށް ދާ އިރު އަމާޒަށްވާނީ ފުރަތަމަ ބުރުން ނުކަނޓާ ކުރިއަށް ދިއުމެވެ.