މުލިއާގެ ބަދިގެއިން ރައްޔިތުންގެ މަޖިލިސް ހިންގީ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު, މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މިހާރު ދައްކަވަމުން ގެންދަވަނީ ވަރަށް ގޯސް ނަމޫނާއެއް ކަމަށާއި މަޖިލީހަކީ އެއްވެސް މީހެއްގެ ޒާތީ, ސިޔާސީ އެޖެންޑާ ފަތުރަން އޮތް ތަނަކަށް ވެގެން ނުވާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވުމާއި ގުޅިގެން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ އެކަމަށް ފާޑުވިދާޅުވެ މަޖިލީހަކީ މުލިއާގެ ބަދިގެއިން ހިންގަންޖެހޭ ތަނެއްތޯ ސުވާލުކުރައްވާފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ މަޖިލިސް މުލިއާގެ ބަދިގެއިން ހިންގީ 2009 އިން ފެށިގެން 2012 އާއި ހަމައަށް ކަމަށާއި މިއީ މަޖިލީހުގެ ރައީސް ނަޝީދާއި ކޮށްލުން ރަނގަޅު ސުވާލެއް ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ޕެކްޝަނުގެ ހިޔާލު ތަފާތުވުމަކީ އެކަމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ބަހުގެ ހަމަލާވެސް އަމާޒުކުރާ ކަމަކެވެ.